ޝިފާ މުހައްމަދު

ދުވާރު މަތީގައި އެއްޗިހި ވިއްކަން ހުއްދައެއް ނުދެން: ޝިފާ

ޝަހީދާ އަބްދުﷲ ސައީދު

ދުވާރު މަތީގައި ތަކެތި ބަހައްޓައިގެން ވިޔަފާރުކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މަގުމަތީގައި ތަކެތި ބަހައްޓައިގެން ބަޔަކު ވިޔަފާރިކުރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް ޓުވީޓުކޮށް ސާފުތާހިރުކަން ނެތް ތަނެއްގައި ވިޔަފާރިކުރަން ހުއްދަ ދިނީތޯ، މީސް މީޑިއާގައި މީހަކު ސުވާލުކުރުމުން ޝިފާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދުވާރު މަތީގައި އެއްޗިހި ވިއްކަން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އަދި އެމީހުން ވިޔަފާރި ކުރަމުންދާ ތަނަކީ މީގެކުރިން ވެސް ފުލުހުން ގޮސް ތަކެތި ނަގައި ހުސްކޮށްފައިވާ ތަނެއް ކަމަށެވެ.

ޝިފާ ވިދާޅުވީ ގިނަފަހަރަށް އެފަދަ ކަންކަން ކުރަނީ ފިހާރައާ ގުޅުމެއް އޮވެގެން ކަމަށާއި އެފަދަ ތަންތަން ޗެކް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޗެކްކުރަނީ ފުލުހުން ކަމެއް ނުވަތަ ސިޓީ ކައުންސިލުން ކަމެއް ޝިފާ ވިދާޅެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގެ މަގުމަތީގައާއި ދުވާރު މަތީގައި ތަކެތި ބަހައްޓައިގެން ބިދޭސީން ވިޔަފާރި ކުރާތީ ގިނަ ފަރާތްތަކުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.