ރަށްރަށުން ފެރީ ލޯންޗުތަކުގައި މާލެއަށް އަންނަ ރައްޔިތުން ވެހޭ ވާރެއާއި ދިއްލާހާ އަތްވެއްގައި ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. ގިނަ ފަހަރު މާލެއަށް އެރެނީ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެންނެވެ. ބައެއް ފަހަރު ދެތިން ހަތަރު ލޯންޗު ހުރަސްކުރަންޖެހެއެވެ. ޖާގައިގެ ދަތިކަމާހުރެ ލޯންޗުތައް އޮންނަނީ ފުރި ބާރުވެފައެވެ. މޫސޫން ގޯސް ދުވަސްވަރެއް ނަމަ، ލޯންޗުތައް ތަޅުވާވަރުން އެއް ލޯންޗުން އަނެއް ލޯންޗަށް އެރުމަކީ، ރައްކާތެރިކަމެއްވެސް ނޫނެވެ. ކައްސާލައިގެން ވެއްޓުމާއި މިފަދަ އެތައް ހިތާމަވެރި ހާދިސާއެއް މީގެ ކުރީންވެސް ހިނގާފައި އެބަހުއްޓެވެ. މިއީ މާލެއަށް އަތޮޅުތެރެއިން އެންމެ ގިނައިން ލޯންޗު ފެރީ އަންނަ ސަރަހައްދުކަމުގައިވާ، އެމްއެމްއޭ ކުރިމަތީ ޖެޓީއާއި، ބޭންކް އޮފް މޯލްޑިވްސްގެ މައި އިމާރާތުގެ ކުރިމަތީން އޮންނަ ޖެޓީ ހައެއް އަދި ހަތެއް ގެ ހާލަތެވެ. އެތައް ހާސް ދަތުރުވެރީން އެ ތަނުގައި ފުނިޖެހިގެން ތިބޭއިރު، ފޮށިތަންމަތި ހިޔާކޮށްލެވޭނެ ފަދައެއްވެސް އެތަންތަނުގައެއް ނެތެވެ. ފާހާނާ ކޮށްލެވޭނެ ފަދައެއް ނެތެވެ. ބޯލާނެ ފެންފޮދެއްހާ ހިސާބުވެސް ކައިރިން ލިބޭކަށް ނުހުރެއެވެ.
ރަށްރަށަށް އައިސްގޮސްވުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯދާ މީހުންނަށް މާލެއަށް އަރައިފޭބުމުގައި މި ވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރައްޔިތުންގެ ކުންފުނި، އެމްޓީސީސީއާ ހަވާލުކުރުމުން، އެ ކުންފުނިން ވަނީ، އެ ކުންފުނީގެ ދެ ޓާމިނަލެއް ކަމަށްވާ ހެންވޭރު ޓާމިނަލްއާއި ހުޅުމާލެ ޓާމިނަލް މާލެއާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ހުޅުވާލަން ނިންމައި އެކަމަށް ހުޅުވާލައިފައެވެ. އެމްޓީސީސީން ހުޅުވާލި މުއްދަތުގެ ތެރޭގައި އެ ހިދުމަތަށް އެދިފައިވަނީ ހަތް އޮޕަރޭޓަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ފެންފުށި، މާމިގިލި، ދިއްދޫ، މާފުށި ގުރައިދޫ، ގުޅި، ގާފަރު، ކާށިދޫ، ތުޅާދޫ، ހިތާދޫ، ފެހެންދޫ، ގޮއިދޫގެ އިތުރުން ފުޅަދޫއަށް ލޯންޗު ދަތުރުކުރާ އޮޕަރޭޓަރުންނެވެ.
އެ ހިދުމަތް ފެށުމުގެ ގޮތުން ހެންވޭރު ފެރީ ޓާމިނަލަށް މިއަދު ގާތްކުރި ފުރަތަމަ ލޯންޗަކީ މާލެއާއި މާފުށި އަދި ގުރައިިދޫއާ ދެމެދު ދަތުރުކުރާ "އެސްކޭޕް ސްޕީޑް ބޯޓް"ގެ ލޯންޗެއް ކަމުގައިވާ "އެސްކޭޕް ވިންގް" އެވެ. އެ ލޯންޗުންވެސް ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އައިސްފައެވެ. އެހެން ފަހަރުތަކާ ހިލާފަށް، ދިލަ ހޫނުގައި ނުތިބެ، ހިޔާ ލިބޭ ތަނެއްގައި ހަމަޖެހިލައިގެން ތިބުމުގެ ފުރުސަތު އެ މީހުންނަށް މިއަދު ވަނީ ފަހިވެގެން ގޮސްފައެވެ. ދަތުރު ވަރުބަލި ފިލުވައިލަން، ޖައްސާލައިގެން ތިބެވޭނެ ގޮނޑިބަރިއެއް އެމްޓީސީސީގެ ފެރީ ޓާމިނަލުގައި ހުރީ އިންތިޒާމުކޮށްފައެވެ. މި ގޮނޑިބަރިއަކީ ލޯންޗު ފެރީތަކުގެ ހިދުމަތް ހޯދާ މީހުނަށް ހާއްސަކޮށް ފަހުން އިންތިޒާމުކޮށްފައިވާ ގޮނޑިބަރިއެކެވެ. އެ ތަނުގައި އެ މީހުންނަށް އެހީތެރިވުމަށް އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ.
"މިއީ ވަރަށް ބޮޑު ލުޔެއް އަސްލު، އަޅުގަނޑަކީ، ހަފުތާއަކު ތިން ދުވަހު މާލެ އަންނަން ޖެހޭ މީހެއް، ވިއްސާރަ ދުވަހެއް ނަމަ ވަރަށް އުނދަގޫކޮށް މިކަން އޮންނަނީ. ކުރިން އޮންނަ ގޮތުން ނަމަ، އެމްއެމްއޭއާ ދިމާލަށް ނުވަތަ ބޭންކް އޮފް ސިލޯން ކައިރިއަށް މި ކައިރިކުރަނީ، އެތަނަކު، ހިޔާވެވޭކަށް ނުހުރޭ، ވާރޭ ވެހިއްޖެނަމަ ޓެކްސީއެއް ހޯދަން އެހާ އުނދަގޫ، ދެން ފޮށިތަންމަތި ޖެޓީ މަތީ ބަހައްޓައިގެން ތިބުން ނޫން ގޮތެއް ނޯވޭ، ހިޔާ ލިބޭ ތަނަކަށް ހުންނަނީ ރަސްމީ ފާލަން އެކަނި، އެކަމަކު އެންމެން ޖަމާވީމަ ޖާގައެއް ނޯންނާނެތާ. މިހާރު ޓާމިނަލަށް ގާތްކުރީމާ އަޅުގަނޑުމެންނަށް ފާހާނާކޮށްލައި ހަމަޖެހިލައިގެން އެބަ ތިބެވޭ. އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް" އެސްކޭޕް ލޯންޗުން އައި އަންހެނަކު "ވަން" އަށް ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި ޓާމިނަލް ބޭނުންކުރާ ހަތް އޮޕަރޭޓަރުންނާއެކު މިއަދުން ފެށިގެން ވެސް ދުވާލަކު 15 ލޯންޗު ފެރީއަށް ހެންވޭރު ޓާމިނަލުން ހިދުމަތް ދޭނެ އެވެ. އޭގެ ތެރޭގައި އެއާޕޯޓް ލޯންޗުތަކާއި ކްރޮސްރޯޑްސްއަށް ދާ ލޯންޗުތައްވެސް ހިމެނެއެވެ. އެއާއެކު، ދުވާލަކު 2،000 އެއްހާ ފަސިންޖަރުން ޓާމިނަލް ބޭނުންކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ދަތުރުވެރީންގެ ފަސޭހައަށް ޓަކައި ޓާމިނަލްގެ ފާހާނާއާއި ބޯފެން ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީ އަހުމަދު ސައުދީ މިއަދު ވިދާޅުވީ ހެންވޭރު ޓާމިނަލަކީ ވަރަށް ބިޒީ ޓާމިނަލެއް ކަމަށާއި އެއީ އެއާޕޯޓާއި ކްރޮސްރޯޑްސްގެ ފެރީ ލޯންޗުތައްވެސް އެތަނުން އޮޕަރޭޓްކުރާތީ ކަމަށެވެ. ނަމަވެސް، އެ ތަންތަނުގެ ލޯންޗުތައްވެސް އޮޕަރޭޓްކުރާނީ އަތޮޅުތެރެއިން އަންނަ ލޯންޗުތަކަށް ދަތި ނުވާނެ ގޮތަށް ޝެޑިއުލް ކުރެވިގެން ކަމަށް ވިދާޅުވިއެވެ. އެ ހިދުމަތް ދިނުމުގެ މައިގަނޑު ބޭނުމަކީވެސް ފަސިންޖަރުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށް ސައުދީ ވިދާޅުވިއެވެ.
"ކްރޮސްރޯޑްސްއާއި އެއާޕޯޓު ފެރީ އަންނައިރު، ފެރީތަކުގެ އޮޕަރޭޓަރުންނާއި ކެޕްޓަނުން ސަލާމަތާއި ރައްކާތެރިކަމަށް ފޯކަސް ކުރައްވައިގެން މަސައްކަތްކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. ސަބަބަކީ މިތަނުގައި ސްޕޭސް އޮންނަ ގޮތުން ހަމަ އެއްވަގުތަކާ ތިން ހަތަރު ލޯންޗު އަންނަ ވަގުތަކާވެސް ދިމާވެދާނެ. މިކަހަލަ ވަގުތެއްގައި ވަރަށް ކެތްތެރިވެގެން އެކަަތި އަނެކެއްޗަށް ފުރުސަތު ދީގެން އެކްސިޑެންޓްތަކާއި އިންސިޑެންޓުތައް ހިނގުން މިނިމައިސްކޮށްދިނުމަކީ، އަޅުގަނޑުމެން އެދޭ ކަމެއް." ސައުދީ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވި ގޮތުގައި ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ފަސިންޖަރުންނަށް އަވަސް ފަރުވާ ދެވޭނެ އިންތިޒާމުތައް ޓާމިނަލްގައި ގާއިމްކުރައްވާނެ އެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު ހައިޝަމް "ވަން" އަށް ވިދާޅުވި ގޮތުގައި، މި ހިދުމަތް ފެށިގެން މި ދަނީ ހިދުމަތަށް އެދުނު އޮޕަރޭޓަރުންނާ ބައްދަލުކޮށް، ހިދުމަތް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް ކިޔައިދިނުމަށް ފަހުގަ އެވެ. އަދި ކިއު މެނޭޖުކުރުމަށް އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވާއިރު، ލޯންޗުތަކުން މީހުން އަރައިފޭބުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށްވެސއ އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ހިދުމަތް މިދެނީ އެއްވެސް ފީއެއް ނުނަގައި. ކިއު ވަރަށް ރަނގަޅަށް މެނޭޖުކުރެވޭނެ. އެކޮޅުގައި އެ ޖެހޭ ފަދަ މައްސަލަތައް، އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އެކަހަލަ ކަންކަމެއް ނުވާނެ. ކޮންމެ ލޯންޗަަކަށްވެސް މަޑުކޮށްލަން 30 މިނެޓު ލިބޭނެ. އެ ވަގުތުގައި މީހުން އަރުވައި ކަންކަން ކުރެވޭނެ" ހައިޝަމް ވިދާޅުވިއެވެ.
ހައިޝަމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތާނގައި އިތުރު ލޯންޗުތަކަށްވެސް ފުރުސަތު ހުޅުވައިލާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޓީސީސީގެ މި ހިދުމަތާ ގުޅިގެން އެ ކުންފުންޏަށް ގުޅާ ރައްޔިތުންގެ ފީޑްބެކް ހުރީ ވަރަށް ޕޮޒިޓިވްކޮށެވެ. ރައްޔިތުންގެ ކުންފުނިން އަނެއްކާވެސް ރައްޔިތުން ހެއްވައިލައިފިއެވެ. މި ހިދުމަތަކީ މާލެއަށް އަންނަ ލޯންޗު ފެރީތަކަށް ވަރަށް ވެސް ބޭނުންތެރި މުހިންމު ހިދުމަތެކެވެ.