މުނިފޫހިފިލުވުން

"މޮއާނާ" ކޮޕީރައިޓްސްގެ މައްސަލައިގައި ޑިސްނީއަށް ކާމިޔާބު

އެނިމޭޓެޑް ފިލްމު "މޮއާނާ"ގެ މައްސަލައިގައި، ޑިސްނީ ކުންފުނިން ކާމިޔާބު ހޯދައިފިއެވެ. މިއީ ކޮޕީރައިޓްގެ މައްސަލައެކެވެ. މި ދައުވާ އަމާޒުވެފައިވަނީ 2016 ވަނަ އަހަރު ނެރުނު ފިލްމު "މޮއާނާ" އަށެވެ. މި މައްސަލަ، 2020 ވަނަ އަހަރު ކޯޓަށް ހުށަހެޅީ ސްކްރީންރައިޓަރެއް ކަމަށްވާ ބަކް ވުޑޯލް އެވެ.

ހޮލީވުޑުގެ ހަބަރުތައް ބުނާ ގޮތުގައި، ވުޑޯލްގެ ދައުވާގައި ބަޔާންކޮށްފައިވަނީ "މޮއާނާ" ގެ މައިގަނޑު ޕްލޮޓަކީ އޭނާގެ އަމިއްލަ މަސައްކަތެއް ކަމަށްވާ "ބަކީ ދަ ވޭވް ވޯރިއަރ" އިން ނަގާފައިވާ އެއްޗެއް ކަމަށެވެ.

ލޮސް އެންޖެލެސްގެ ފެޑެރަލް ކޯޓުގައި ޝަރީއަތް ފެށުނުތާ ދެ ހަފުތާ ފަހުން، 8 މެންބަރުންގެ ޖޫރީއަކުން އިއްތިފާގުން ނިންމާފައިވަނީ ޑިސްނީ ސްޓޫޑިއޯއަށް މި މައްސަލައިގައި ކާމިޔާބު ލިބޭ ގޮތަށެވެ.

ނިއު މެކްސިކޯގައި ދިރިއުޅޭ ސްކްރީންރައިޓަރެއް ކަމަށްވާ ބަކް ވުޑޯލް ބުނެފައިވަނީ، "މޮއާނާ" އާއި އޭނާގެ ސްކްރިޕްޓްގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. އޭނާ ފާހަގަކުރާ ގޮތުގައި، ދެ ވާހަކައިގައިވެސް ދައްކަނީ މައިންބަފައިންގެ އަމުރާ ހިލާފަށް ނުރައްކާތެރި ދަތުރެއް ކުރާ ޒުވާނުންގެ ވާހަކައެވެ. މީގެ އިތުރުން، ދެ ވާހަކައިގައިވެސް ޕޮލިނީޝިއަން ޖަޒީރާއެއް ސަލާމަތްކުރުމާއި، ޓެޓޫ ޖަހާފައިވާ ޑީމިގޮޑެއް (ޑުވެއިން ޖޮންސަން އަދާކުރާ ރޯލް) އެކު ދަތުރުކުރުން ހިމެނޭ ކަމަށް ވުޑޯލް ފާހަގަކޮށްފައިވެއެވެ.