ފުޓްބޯޅަ

ވެޓެރަންސް މުބާރާތުގެ ތެރެއިން ޝާހުގެ އަތް ބިންދައިގެން ގޮސްފި

މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ސެވަން އަ ސައިޑް ވެޓަރަންސް ލީގުގައި އިއްޔެ ކްލަބު ވެލެންސިއާ އިން ކުޅުނު މެޗެއްގެ ތެރެއިން ކުރީގެ އެއްވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ)ގެ އަތް ބިންދައިގެން ގޮސް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު އެމްއެސް މޭޓްސްއާ ދެކޮޅަށް ކްލަބު ވެލެންސިއާ އިން ކުޅުނު މެޗުގެ ތެރެއިން ވެލެންސިއާގެ ޝާހުގެ ކަނާތުގެ ކަށިގަނޑު ބިންދައިގެން ގޮސް، ދެ ސާޖަރީއެއް ހަދަން ޖެހިފައިވާ ކަމަށް ޝާހު މައުލޫމާތު ދީފައިވެއެވެ. ޝާހު ބުނީ އެ ދެ ސާޖަރީ ދެ ހަފުތާއެއް ފަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އިއްޔެގެ އަނިޔާއަކީ މިހާތަނަށް ޝާހުގެ ކެރިއަރުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އަނިޔާއެވެ. ޝާހަކީ ކުރިން ގައުމީ ޓީމަށްވެސް 15 ވަރަކަށް އަހަރު ކުޅެފައިވާ ކުޅަދާނަ ފޯވަޑެކެވެ.

ރަސްމީކޮށް ފުޓުބޯޅަ ހުއްޓާލި ފަހުން ޝާހު އާންމުކޮށް ފެންނަމުންދަނީ ވެޓެރަންސް މުބާރާތްތަކުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ރަމްޟާން މަހު ބާއްވާ ވެޓެރަންސް މުބާރާތްތަކުގައި ޝާހު ކުޅެއެވެ.

ޝާހު ވަނީ މީގެ ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކޮށްފައެވެ.