މުނިފޫހިފިލުވުން

"ޗާވާ"އަށް 24 ދުވަހުގެ ތެރޭގައި 678 ކްރޯޑުގެ އާމްދަނީއެއް

ލަކްޝްމަން އުޓޭކަރުގެ ޑައިރެކްޝަންގައި، ވިކީ ކައުޝަލް ލީޑުރޯލުގައި ފެންނަ "ޗާވާ" އަންނަނީ ބޮކްސް އޮފީހުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ޗަތްރަޕަތީ ސަމްބާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ތާރީހީ ޑްރާމާ ފިލްމު ނެރުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ބޮކްސް އޮފީހުގައި 4 ވަނަ ހަފުތާ ނިމުނުއިރު ޖުމުލަ 678 ކްރޯޑު ރުޕީސްގެ އާމްދަނީއެއް މި ފިލްމު ހޯދާފައިވެއެވެ.

މި އާމްދަނީގެ ތެރެއިން، ގާތްގަނޑަކަށް 583 ކްރޯޑު ރުޕީސް (486 ކްރޯޑު ރުޕީސްގެ ސާފު އާމްދަނީ) ލިބިފައިވަނީ އިންޑިއާގެ މާކެޓްތަކުންނެވެ. ބައިނަލްއަގުވާމީ މާކެޓްތަކުންވެސް ފާހަގަކޮށްލެވޭ ނަތީޖާއެއް ދައްކައި، މިހާތަނަށް 10.75 މިލިއަން އެމެރިކާ ޑޮލަރު ހޯދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ފިލްމު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި 700 ކްރޯޑު ރުޕީސްގެ މައިލްސްޓޯން ހާސިލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ފިލްމުގެ މަގުބޫލުކަން މި އަހަރުގެ އީދުގައި ސަލްމާން ޚާންގެ "ސިކަންދަރު" ރިލީޒްވަންދެން ދެމެހެއްޓޭނެ ކަމަށް ބޮލީވުޑުގެ ހަބަރުތަކުން ލަފާކުރެއެވެ. ނަމަވެސް، ކުރިއަށް އޮތް ހަފުތާގައި "ދަ ޑިޕްލޮމެޓް"، "ކޭސަރީ ވީރު"، އަދި "ރައިޒް އޮފް ދަ ޑްރޭގަން" ފަދަ އާ ފިލްމުތަކެއް ރިލީޒްވުމާ ގުޅިގެން، މި ފިލްމުގެ ކުރިއެރުން ކޮންމެވެސް ވަރަކަށް މަޑުޖެހޭނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.