މުނިފޫހިފިލުވުން

ހަޝްވަރުދަން ރާނޭ "ރޭސް 4" ގައި ބައިވެރިއެއް ނުވާނެ: ޕްރޮޑިއުސަރު

"ރޭސް" ފްރެންޗައިޒްގެ ހަތަރުވަނަ ބައިގައި ނުބައިބައިގެ ލީޑް ރޯލް ކުޅުމަށް ހަމަޖެހިފައި ވަނީ ހަޝްވަރުދަން ރާނޭ ކަމަށް ދެކެވާ ވާހަކަތައް ފިލްމުގެ ޕްރޮޑިއުސަރު، ރަމޭޝް ތައުރާނީ ދޮގުކޮށްފިއެވެ.

ނިކިލް އަދްވާނީ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް އެކްޓަރަކީ ސައިފް އަލީ ޚާނެވެ.

ޕްރޮޑިއުސަރު ރަމޭޝް މީޑިއާއަށް ބުނިގޮތުގައި، ހަޝްވަރުދަން އަށް އެ ރޯލު ދީފައެއް ނުވާނެއެވެ. އެ ރޯލާ ބެހޭ އެއްވެސް ކަމެއް އަދި ނިންމާފައިވެސް ނުވާކަަމަށް އޭނާ ބުންޏެވެ. ސައިފް ފިޔަވައި ފިލްމުގެ ކާސްޓާ ބެހޭ އިތުރު އަޕްޑޭޓެއް އޮތްތޯ މީޑިއާއިން ސުވާލުކުރުމުން، އޭނާ ބުނީ، އެއްވެސް ކާސްޓެއް ނިންމާފައި ނުވާކަމަށާއި އެހެންކަމުން ނަންތަކާ ބެހޭގޮތުން އެއްޗެއް ބުނެވޭން ނެތްކަމަށެވެ.

ރަމޭޝް 2024 ގެ އޮކްޓޯބަރުގައި ވަނީ ސައިފް މި ފިލްމަށް އަންނާނެކަން ކަށަވަރުކޮށްދީފައެވެ.

ފިލްމުގެ ޝޫޓިންއާ ބެހޭ ގޮތުން ގިނަ ލަފާކުރުންތަކެއް ކުރެވެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ރަމޭޝް މިވަނީ އެކަންވެސް ސާފުކޮށްދީފައެވެ. އޭނާ ބުނިގޮތުުގައި ރޭސް 4 ގެ ޝޫޓިން ފަށާނީ މި އަހަރުގެ ފަހުކޮޅުގައެވެ.

މަތީ ފެންވަރުގެ އެކްޝަން، ޖަޒުބާތީ މަންޒަރުތައް، އަދި އުނދަގޫ ޕްލޮޓްތަކަށް މަޝްހޫރު މި ފްރެންޗައިޒް ފެށުނީ 2008 ވަނަ އަހަރު "ރޭސް" ފިލްމާ އެކުގައެވެ. މި ފިލްމުގައި ސައިފް އަދި އަކްޝޭ ޚާން ފެނިގެންދިޔައީ އެއްބަނޑު އެއްބަފާ މީހުންގެ ގޮތުގައެވެ. އެއީ ރަންވީރު އަދި ރާޖީވްގެ ގޮތުގައެވެ. މި ދެމީހުން ޚިޔާނާތާއި މަކަރުވެރިކަމުގެ އުނދަގޫ ވިއުގައެއްގައި ޖެހިފައިވާތަން ފެނިގެންދެއެވެ.

ސައިފް މިހާރު ޝޫޓްކުރަމުން އަންނަނީ ޕަޓައުދީގައި އެހެން ޕްރޮޖެކްޓަކަށެވެ. މިއީ ޖެނުއަރީ 16 ގައި ހިނގި ނުރައްކާތެރި ވަޅިހެރުމުގެ ހާދިސާއަށްފަހު އޭނާ ޝޫޓިން ސެޓަށް އެނބުރި އައި ފުރަތަމަ ފަހަރެވެ.