ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކުރިން އިއުލާނުކޮށްފައިވާ އުމުރުން 40 އަހަރުގެ އިންޑިއާ ފޯވަޑް ސުނިލް ޗެތުރީގެ ނަން ހިމަނައިގެން އިންޑިއާ ގައުމީ ޓީމުން ސްކޮޑު އިއުލާނުކޮށްފިއެވެ.
އިންޑިއާގެ ލެޖެންޑަރީ ސްޓްރައިކާ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކުރިން އިއުލާނުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާ އެކަން މެއި މަހު އިއުލާނުކޮށް ރަސްމީކޮށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު އިންޑިއާ އިން ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ޗެތުރީ ހިމަނައިގެން އިންޑިއާއިން މިރޭ އިއުލާނުކުރި ސްކޮޑަކީ މިމަހުގެ 19 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ އިތުރުން މިމަހުގެ 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ މެޗަށް އިއުލާނުކުރި ސްކޮޑެވެ.
އިންޑިއާގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކުރިން ނިންމާފައިވަނީ ގާތްގަނޑަކަށް 20 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހުއެވެ. 2005 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރު ރިޓަޔާކުރަންދެން އޭނާ ވަނީ އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމަށް 150 މެޗު ކުޅެ، 94 ގޯލުވެސް ޖަހައިދީފައެވެ. ޗެތުރީ އަކީ ގައުމީ ޓީމަށް ގޯލު ޖެހުމުގެ ލިސްޓުގައިވެސް ފަހުރުވެރި މަގާމެއްގައި އޮތް ކުޅުންތެރިއެކެވެ.
މިވަގުތު ގައުމީ ޓީމުތަކަށް ކުޅެމުންދާ އެކްޓިވް ކުޅުންތެރިންގެ ތެރެއިން ޗެތުރީއަށްވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހައިދީފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެވަނައިގައި އޮތް ލިއޮނަލް މެސީއެވެ. އޭގެ ފަހަތުން އެ ލިސްޓުގައި އޮތީ އިންޑިއާގެ ޗެތުރީއެވެ.