މޭގަން މާކަލް އާއި ޕްރިންސް ހެރީގެ ދަރިކަނލުން ބޭބީ އާޗީ އާ ބައްދަލު ކުރިކަމަށް ދެކެވޭ ވާހަކަތައް ޕްރިޔަންކާ ޗޯޕްރާ (ޕީސީ) ދޮގުކޮށްފިއެވެ.
ބޭބީ އާޗީ ވިހޭތާ މާގިނަ ދުވަސްތަކެއް ނުވަނީސް މީޑިއާތަކުގެ ފަލަ ސުރުހީން ފެނިގެން ދިޔައީ މޭގަން ގެ އެކުވެރި ޕްރިޔަންކާ ޗޯޕްރާ އަދި އޭނާގެ ފިރިމީހާ ނިކް ޖޯނާސް ބޭބީ އާޗީއާ ބައްދަލު ކުރި ކަމުގެ ހަބަރެވެ. މީގެ އުތުރުން އަގުބޮޑު ޖުވެލަރީ ބްރޭންޑް ޓިފަނީ އިން ވަނީ ބޭބީ އަށް ހަދިޔާއެއްވެސް ގެންގޮސްފައިކަމަށް ރިޕޯޓްތަކުގައި ވެއެވެ.
ނަމަވެސް ޕީސީ މިވަނީ މިވާހަކަތައް ދޮގުކޮށް އޭނާގެ ޓުވިޓަރުގައި ހިއްސާކޮށްފައެވެ. ޕީސީ ވަނީ ހަބަރުގެ ލިންކް ހިއްސާކޮށް އެ ހަދިޔާގެ އައިޑިއާ އަކީ މޮޅު ގޮތެއް ނަމަވެސް މިވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށް ބުނެފައެވެ. އަދި އޭނާ ލަންޑަނަށް ދިޔައީ މަސައްކަތުގެ ކަމެއްގައި ކަަމަށްވެސް ވަނީ ބުނެފައެވެ. މިވާހަކަތައް ފަތުރާ "ސޯސް" ވާހަކަތަކުގެ ހަގީގަތް ހޯދުމަށްވެސް ޕީސީ ވަނީ އެދިފައެވެ.
މީޑިއާ ތަކުގައި ދައުރުވާ ރިޕޯޓްތަކުގައި ވަނީ ޕީސީ އަދި މޭގަންގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ ވެސް ހައްލުވި ކަމަށް ބުނެފައެވެ. އެ ދެރައްޓެހިން މައްސަލަ ޖެހުނީ ޕީސީ ގެ ކައިވެންޏަށް އިންޑިއާއަށް މޭގަން ނުދިޔުމުންނެވެ.
އަދި އޭގެ ފަހުން ނިއުޔޯކުގައި އޮތް މޭގަން ގެ ބޭބީ ޝަވާއަށް ޕީސީގޮސްފައެއް ނުވެއެވެ.
ނަމަވެސް އެމެރިކަން ޓީވީ ޝޯ "ވޮޗް ވަޓް ހެޕަން ލައިވް" ގައި ޕީސީ ވަނީ އޭނާ އާއި މޭގަންއާ މައްސަލަ ޖެހިގެން އުޅޭކަމުގެ ވާހަކަތައްވެސް ދޮގުކޮށްފައެވެ،