އިބްރާހިމް ޒަކީ
ކުށްކުރާ ފަރާތްތަކާ ދެކޮޅަށް އަމިއްލަ އެއްވެސް ފަރުދަކު ގާނޫނު އަތްމައްޗަށް ނުނެގުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ޖިނާއީ ކުށްތަށް ކުރާ ފަރާތްތަކަށް މަގުމަތިން އަދަބު ދިނުމުގެ މައްސަލަތެއް، ތަކުރާރުވަމުންދާ މައްސަލަފާހަގަކޮށް ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ހިނދު ކޮންމެ ފަރުދަކުވެސް ގާނޫނުގައި ވާގޮތަށް އެ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ފުލުުން އިލްތިމާސް ކުރާ ކަމަށެވެ.
މިކަމަށް ފުލުހުން އިލްތިމާސް ކޮށްފައިވަނީ، ވަށްކަންފަދަ ޖިނާއީ ކުށްތައް ކުރާ ބައެއް މީހުން އަތުލައިގަނެ ރައްޔިތުންގެ ތެރެއިން ބަޔެއް މީހުން މަގުމަތިން އެމީހުންނަށް އަދަބުދޭ މައްސަލައިގައެވެ.
މީގެ ކުރިން ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހުޅުމާލޭގައި ގަންހިނގާފައިވާއިރު، ކ. ދިއްފުށީގައި ވައްކަން ގިނަވާކަމަށްބުނެ އާންމު ރައްޔިތުން ނުކުމެ ވައްކަން ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާ ކުރިމަތިލައި މާރާމާރީ ވަނީ ހިންގައިފައެވެ. މީގެ އިތުރުން ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު ރޭ ވެސް ވަނީ ބަޔަކު ނިކުމެ ގަންހިންގައިފައެވެ.
އެއްވެސް ފަރުދަކު އަމިއްލަ އަތްމައްޗަށް އެފަދަ ބާރުތައް ނުނެގުމަށް ފުލުހުން އިލްތިމާސް ކޮށްފައިވާއިރު، އެފަދަ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ކުށްތަކާއި މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވެސް ވަނީ އިލްތިމާސް ކުރައްވައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލަ ރަނގަޅަށް ދެނެގަނެ، ފުލުހުންގެ މުއައްސަސާއަށް ފުރިހަމައަށް އިތުބާރު ކޮށް، ރައްޔިތުން އަމިއްލައަށް ގޮތްނިންމުމުގެ ބަދަލުގައި ކުށްތަކާއި މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ހުރިހާފަރާތްތަކުންވެސް ގާނޫނާއި ގަވާއިދަށް އިހުތިރާމުކޮށް ތަބާވާންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.