ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު ގަން ހިންގުމަށްފަހު ފުލުހުންނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ 20:38 ހާއިރު މާފަންނު ދަކަނދާމަގާއި ބުލޫކިޔާ މަގާ ގުޅޭ ހިސާބުގައި ހުރި ފިހާރައަކުން ފެންކޭހެއް ވަގަށް ނަގައިގެން އުޅުނު މީހަކު އާންމުން ވެގެން ހިފެހެއްޓުމަށްފަހު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެފިހާރައިން ވައްކަން ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި މިހާރު މިމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ފެންކޭސް ވަގަށް ނަގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ފޮޓޯ ތަކެއް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައެވެ. އެގޮތުން އޭނާގެ ބުރަކަށީގައި "ވަގު" މިހެން ޖަހައިފައިވެއެވެ.
ފުލުހުން ބުނީ އޭނާގެ ބުރަކަރީގައި ވަގު ޖަހައިގެން މާލޭގެ މަގުތަކުގައި ގަން ނުހިންގުވާ ކަމަށާއި ފިހާރާގައި ބަހައްޓާފައި ހުރީ ކަމަށެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.
ނަމަވެސް ފެން ކޭސް ވަގަށް ނެގި މީހާ ގަން ހިންގުވި މަންޒަރު ''ވަންއޮންލައިން'' ގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ.
ނޫސްވެރިޔާ ބުނި ގޮތުގައި އޭނާ ފެންކޭސް ވަގަށް ނެގީ ''ބީއޭވަންއައިޒެޑް'' ފިހާރައިން ކަމަށެވެ. އަދި އެގޮތަށް ފެންކޭސް ވަގަށް ނަގާތާ މިހާރު ހަފްތާއެއް ވެއްޖެ ކަމަށާއި މިއަދު މެންދުރު ވެސް ދެ ކޭސް ފެން ވަގަށްނެގި ކަމަށެވެ.
އަދި މިރޭ ނެގި ފެން ކޭސް ނަގައިގެން ގެންގޮސް 30 ރުފިޔާއަށް ފުޅިއެއް ވިއްކީ ކަމަށާއި އޭނާ ނެގީ ފަސް ލީޓަރުގެ ފެންކޭހެކެވެ. އަދި ފެން ކޭސް ހިފައިގެން ގެއަށް ދިއުމުން ގެއާއި ހަމައިން ފިހާރައާއި ހަމައަށް ގަންހިންގުވާފައި ގެނައި އިރު ބުރަކަށީގައި ''ވަގު'' ޖަހާފައިވެއެވެ.