ޝަހީދާ އަބްދުﷲ ސައީދު
ކާރެއްގެ ދޮރު ހުޅުވައިލިވަގުތު ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:9 ހާއިރު ޖަނަވަރީ މަގުގައި ކާރެއްގެ ދޮރު ހުޅުވައިލުމުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ސައިކަލު ދުއްވަން އިން ބަންގްލަދޭޝްގެ 39 އަހަރުގެ މީހަކަށް އަނިޔާވެފައިވާކަމަށެވެ.
އަދި އޭނާގެ ކޮނޑުހުޅަށް އަނިޔާވެފައިވާކަމަށާއި ވައަތާއި ވައަތު ފައި މަށައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ. ބިދޭސީ މީހާއަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ކާރު ދުއްވަން އިނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި ދެމީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރުގެ ދޮރު ހުޅުވާލުމުގެ ތެރޭގައި ދުއްވާފައި އައި ސައިކަލުގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެމައްސަލަ ތަހުގީގު ކުރަމުންދާއިރު ކާރު ދުއްވަންއިން މީހާގެ ލައިސަންސް 48 ގަޑި އިރަށް ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.