ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކޮމެޓީތައް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

މަޖިލީހުގެ 13 ކޮމެޓީއެއް އެކުލަވައިލުމާ ގުޅޭ ގޮތުން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކޮމެޓީތައް އެކުލަވައިލުމުގެ މަސައްކަތް ޕާޓީތަކުގެ މެދުގައި މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން ކޮމެޓީތަކަށް މެންބަރުން ކަނޑައަޅަން ބޭނުންވާ ގޮތް ނިންމަން ޕާޓީތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.

މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ މެންބަރުންނާއެކު ކޮމެޓީތައް އެކުލަވައިލައި، 19 ވަނަ މަޖިލީހުގެ ކޮމެޓީތައް މިހަފްތާގައި އެކުލަވައިލައި ނިމޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެންބަރުން ޝައުގުވެރިވާ ކޮމެޓީތައް އެންގުމަށް އެމްޑީޕީގެ މެންބަރުންނަށް ވެސް މިހާރު އަންގާފައިވާކަމަށެވެ.

އަދި 241 ކޮމެޓީގައި ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް ހިމެނޭނެ ކަމަށާއި ނަމަވެސް އެއްވެސް ޕާޓީއަކަށް ކޮމެޓީއެއްގެ މެޖޯރިޓީ ނުލިބޭނެ ކަމަށް ގަފޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 19 ވަނަ މަޖިލީހުގެ ކޮމެޓީތައް އެކުލަވައިލެވެންދެން ހިނގަމުންދާނީ 18 ވަނަ މަޖިލީހުގެ ކޮމެޓީތައް ކަމަށެވެ.