އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރައްވާނެ ތާރީޚާ ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުމާ މެދު އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގޮތެއް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް އެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް މަޖިލީހުގެ އިދާރާގައި ދާދި ދެންމެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މޫސަ ވިދާޅުވީ އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާތައް ފަށާ އިރު، ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި ހުވާ ކުރާ ތާރީޚުގެ މައްސަލަ އެޖެންޑާ ކުރައްވަން ނިންމަވައިފައިވާ ކަމަށެވެ.
"މަޖިލީހުގެ ޖަލްސާތައް ފެށޭ އިރު ރިޔާސަތުން އަޅުގަނޑު އެންމެ އަވަހަށް ނިންމަން ބޭނުންވާ އެއް މައްސަލަ އެއީ. އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނީ 11 ނޮވެމްބަރުގައި ހުވާކުރަން. އެގޮތަށް އަޅުގަނޑު ވެސް ބުރަވަނީ. އެކަމަކު މި މައްސަލައިގައި ޚިޔާލުތަފާތުވުން ތަކެއް އުޅޭނީ އަޅުގަނޑުމެން ބޭނުން ވަނީ މަޖިލީހުގެ ޖަލްސާއަކުން މިކަން ވެސް ނިންމާފަ ބާއްވަން." މޫސަ ވިދާޅުވި އެވެ.
މޫސަ މިހެން ވިދާޅުވި އިރު، ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭ ތާރީޚަކީ 17 ނޮވެމްބަރު ކަމަށް އެޓާނީ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. އަދި ޕީޕީއެމުން ދާދި ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ އަލަށް އިންތިޚާބުވި ރައީސަށް ނޮވެމްބަރު 11 ގައި ހުވާ ކުުރެއްވޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.