ޓެކްނޮލޮޖީ

އެމެޒޯން އެލެކްސާ ޕްލަސް ތައާރަފުކޮށްފި، އޭއައިގެ މުޅީން ތަފާތު ހިދުމަތްތަކެއް

އެމެޒޯން ޑިވައިސަސް އިވެންޓް ދެ އަހަރު ފަހުން ބާއްވައިފިއެވެ. އެ އިވެންޓްގައި އީ-ކޮމާސް ކުންފުނިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި ބޮޑެތި އިއުލާންތަކެއް ކުރިއެވެ. އެމެޒޯންގެ މަގުބޫލު ޑިވައިސްތަކުގެ ތެރޭގައި ހިމެނޭ އެލެކްސާ ވަނީ ގާތްގަނޑަކަށް 10 އަހަރު ފަހުން އަލުން އާކޮށް ތައާރަފުކޮށްފައެވެ. މިގޮތުން އަޑުން އަމުރު ކުރެވޭ އެސިސްޓެންޓަށް ގިނަ ދުވަސްތަކެއް ވާންދެން އިންތިޒާރުކުރެވެމުން އައި އަދި ކޮންމެހެން ބޭނުންވާ އަޕްގްރޭޑްތަކެއް ގެނެވިފައިވެއެވެ.

ޓެކްނޮލޮޖީ ދާއިރާގައި، ހާއްސަކޮށް އަޑުން އަމުރުކުރެވޭ އާ އޭއައި އެސިސްޓެންޓްތައް ހިމެނޭ ސްމާޓްފޯނުތަކުގައި އޭއައި ބޭނުންކުރުން ވަނީ އިތުރުވަމުން އައިސްފައެވެ. ނަމަވެސް، އަޕްގްރޭޑް ކޮށްފައި ނުވުމުން އެލެކްސާ އޮތީ އަމިއްލަވަންތަކަން މަދު އަދި ބޭނުންކުރާ ފަރާތްތަކުގެ މަސައްކަތްތައް ބެލެހެއްޓުމުގައި އުނދަގޫ އެއްޗަކަށް ވެފައެވެ. ގޫގުލް އަދި އޯޕަން އޭއައި ފަދަ ވާދަވެރިން ބޮޑުތަނުން ކުރިއަރަމުން ދިޔައިރު އެލެކްސާ ވަނީ ފަހަތަށް ޖެހިފައެވެ.

އެހެންކަމުން، އަލުން އޭއައި ވާދައިގައި ބައިވެރިވުމަށް ޓަކައި، އެމެޒޯނުން ވަނީ އެލެކްސާ ޕްލަސް ތައާރަފު ކޮށްފައެވެ. މިއީ އާ އޭއައި އިން ހަކަތަ ލިބިފައިވާ އަޑުން އަމުރު ކުރެވޭ އެސިސްޓެންޓެކެވެ. މި އެސިސްޓެންޓް މެދުވެރިކޮށް ބޭނުން ކުރާ ފަރާތްތަކަށް ވާހަކަދެއްކުމުގެ ގާބިލުކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްތައް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމެޒޯން އެލެކްސާ ޕްލަސް އަކީ ކޮބާ؟ މަސައްކަތްކުރަނީ ކިހިނެއް؟

އެމެޒޯނުން އެލެކްސާ ޕްލަސް ތައާރަފުކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އިން ހަކަތަ ލިބިފައިވާ 'ޖީލުގެ ދެވަނަ އެސިސްޓެންޓް' ގެ ގޮތުގައެވެ. މި ޑިވައިސް ވަނީ އިތުރަށް ބޭނުންތެރި، ވިސްނުންތެރި އަދި ވާހަކަދެއްކުމުގެ ގާބިލުކަން ލިބިފައިވާ އެއްޗަކަށް ވެފައެވެ. މިއާއެކު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއްނެތި މަސައްކަތް ނިންމުމަށް އެހީތެރިވެދެއެވެ. އޭއައި ގެ އެހީގައި ބޭނުންކުރާ ފަރާތްތަކުގެ އަމުރުތައް ދެނެގަތުމާއި އިތުރަށް ސައްހަ ޖަވާބުތައް ދިނުމުގެ ގާބިލުކަން ލިބިފައިވެއެވެ.

އަޑުން އަމުރުކުރެވޭ މި އެސިސްޓެންޓް އަލުން ބިނާކުރެވިފައިވަނީ ލާޖް ލޭންގުއޭޖް މޮޑެލްސް (އެލްއެލްއެމްސް) އަދި 'އެކްސްޕާޓްސް' ބޭނުންކޮށްގެންނެވެ. 'އެކްސްޕާޓްސް' އަކީ އެމެޒޯނުން ތަރައްގީކޮށްފައިވާ އާ ކޮންސެޕްޓެކެވެ. މީގެ ތެރޭގައި ސިސްޓަމްތަކާއި، ގާބިލުކަމާއި، އޭޕީއައިތަކާއި އަދި އިރުޝާދުތައް ހިމެނެއެވެ. މިކަމުގެ ސަބަބުން އެލެކްސާއަށް އުނދަގޫ މަސައްކަތްތައް ފަސޭހަކަމާއެކު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ. މި އުނދަގޫ އާކިޓެކްޗާގެ ސަބަބުން އެލެކްސާއަށް ސްމާޓް ހޯމް ޑިވައިސްތައް ބެލެހެއްޓުމާއި، ރިޒަވޭޝަންތައް ހެދުމާއި، މިޔުޒިކް ހޯދައި ޖައްސައިދިނުމާއި، ގްރޯސަރީ އޯޑަރުކުރުމާއި، ހަނދާންކޮށްދިނުންތައް ސެޓްކުރުމާއި، އަދި މިނޫންވެސް އެތައް ކަމެއް ކުރުމުގެ ގާބިލުކަން ލިބިގެންދެއެވެ.

އެލެކްސާ ޕްލަސްގެ އާ ހުރިހާ ކަމެއް

- މަލްޓިމޯޑަލް ގާބިލުކަން ލިބިފައިވާ އޭއައި އޭޖެންޓް: އެލެކްސާއަށް މިހާރު އޭއައި އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރެވޭނެއެވެ. މިގޮތުން އެލެކްސާ.ކޮމް މެދުވެރިކޮށް އިންޓަނެޓް ބްރައުޒްކޮށް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ނިންމުމަށް އެހީތެރިވެދެވޭނެ އެވެ. އެންމެ އަމުރަކުން، ކައިރީގައި ހުރި ރެސްޓޯރަންޓްތަކާއި، މަރާމާތުކުރާ ތަންތަނާއި، ގްރޯސަރީ ފިހާރަތަކާއި، އަދި މިނޫންވެސް އެތައް ކަމެއް ހޯދައިދެވޭނެއެވެ. މި ބަދަލު ގެނައުމަށްޓަކައި އެމެޒޯނުން ވަނީ ވެބްސައިޓްތަކާއި އެޕްތަކާއެކު ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައެވެ.

- މަންޒަރާ ގުޅޭ މައުލޫމާތު: އެލެކްސާ ޕްލަސްއިން ހަކަތަ ލިބިފައިވާ އެކޯ ޝޯ 15 އަށް މިހާރު އޭގެ ކުރިމަތީގައިވާ ކެމެރާ ބޭނުންކޮށްގެން ވަށައިގެންވާ މާހައުލު ދިރާސާކޮށް، އާދަޔާ ޚިލާފު އެއްޗެއް ވޭތޯ ބުނެދެވޭނެއެވެ. އަދި 2-3 ޖުމުލައިގެ ދިގު ބަޔާނެއްގެ ސިފައިގައި މަންޒަރު ތަފްސީލުކޮށްދެވޭނެ އެވެ.

- އިތުރުކުރެވިފައިވާ އަމިއްލަވަންތަކަން: އެލެކްސާ ޕްލަސްއަށް މިހާރު ބޭނުންކުރާ ފަރާތްތަކާ ބެހޭ ކަންތައްތައް ހަނދާންބެހެއްޓޭނެ އެވެ. މީގެ ތެރޭގައި އެމީހުންގެ ޕްރެފަރެންސްތަކާއި، ކަމުދާ ކަންތައްތަކާއި އަދި ނުރުހޭ ކަންތައްތައް ހިމެނެއެވެ. މިކަމުގެ ސަބަބުން އިތުރަށް އަމިއްލަވަންތަ ތަޖުރިބާއެއް ފޯރުކޮށްދެވޭނެއެވެ. އެމެޒޯންގެ ބްލޮގް ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، "އޭނާއަށް ތިބާ ގަނެފައިވާ ތަކެއްޗާއި، އަޑުއަހާފައިވާ ތަކެއްޗާއި، ބަލާފައިވާ ވީޑިއޯތަކާއި، ތިބާ ތަކެތި ފޮނުވާ އެޑްރެހާއި، އަދި ތިބާ ފައިސާ ދައްކަން ގަސްދުކުރާ ގޮތް އެނގޭނެއެވެ."

- އޭއައި އިން ހަކަތަ ލިބިފައިވާ ވީޑިއޯ ހޯދުން: އެލެކްސާ ޕްލަސް އަށް މިހާރު ރިންގް ކެމެރާތަކުން ރެކޯޑުކޮށްފައިވާ ވީޑިއޯތައް ދިރާސާކޮށް ވީޑިއޯގައި ހިނގަމުންދާ ކަންތައްތައް ދެނެގަނެވޭނެ އެވެ. އަދި އޭގައިވާ ތަކެއްޗާއި، މީހުންނާއި، އަމަލުތައް ވެސް ދެނެގަނެވޭނެ އެވެ. މިކަމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ހާދިސާތަކާ ގުޅޭގޮތުން ސުވާލުކުރެވޭނެ އެވެ. މި ކުރިއެރުމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް ފުޓޭޖް ބަލަން ޖެހުމުގެ ދަތިކަން ކުޑަވެގެންދާނެ އެވެ. އެހެންކަމުން، މިއީ ރަނގަޅު ސެކިއުރިޓީ ޓޫލެއްގެ ގޮތުގައިވެސް މަސައްކަތްކުރެވިދާނެއެވެ.

- ލިޔެކިޔުންތަކުން މައުލޫމާތު ނެގުން: އެލެކްސާއަށް މިހާރު ޕީޑީއެފްތަކާއި، ނޯޓްތަކާއި، ލިޔެކިޔުންތަކާއި އަދި އެހެނިހެން ފައިލް ފޯމެޓްތައް ދިރާސާކޮށް ބޭނުންކުރާ ފަރާތްތަކަށް އެއާ ގުޅުން ހުރި ޖަވާބުތައް ދެވޭނެ އެވެ. އަދި ބޭނުންކުރާ ފަރާތްތަކަށް އަޑުން އަމުރުކުރެވޭ އެސިސްޓެންޓަށް ސްކޫލް ޝެޑިއުލް ދިރާސާކޮށް މުހިންމު ހަރަކާތްތަކާއި ތާރީހުތައް ހަނދާންކޮށްދިނުމާއެކު ކަލަންޑަރަށް އިތުރުކުރުމަށް އެންގިދާނެއެވެ.

އެލެކްސާ ޕްލަސް މިހާރު ވަނީ އެމެރިކާގައި ތައާރަފުކުރަން ފަށައިފައެވެ. މިގޮތުން އެކޯ ޝޯ 8، 10، 15، އަދި އިތުރު 21 ޑިވައިސްއަކަށް ވަރަށް އަވަހަށް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެމެޒޯނުން ޔަގީންކަން ދީފައިވާ ގޮތުގައި މިއަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް މި ހިދުމަތް ތައާރަފުކުރެވޭނެއެވެ. އެލެކްސާ+ ގެ އަގަކީ މަހަކު 19.99 ޑޮލަރެވެ. ނަމަވެސް، އެމެޒޯން ޕްރައިމް މެންބަރުންނަށް މި ހިދުމަތް ހިލޭ ލިބޭނެއެވެ.