ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް އަންނަ އާދީއްތަ ދުވަހު ފަށަން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ އާދީއްތަ ދުވަހު ފަށަން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ނުފެށި ގިނަ ދުވަސްވާތީ ވަރަށް ގިނަ ފަރާތްތަކުން ދަނީ ބޮޑެތި ޝަކުވާތައް ކުރަމުން ކަމަށެވެ.

"މިތަނަކީ އެއްވެސް ކަމެއް ފޮރުވިފައި އޮވެގެން ވާނެ ތަނަކަށް ވެގެން ނުވާނެތީއާއެކީގައި، މިތަނަށް އަންނަ މައްސަލަތަކާއި މިތަނުގައި ހިނގާ ކަންކަން އާންމުކޮށް ހުރިހާ ރައްޔިތުންނަށް އެނގެން ބޭނުންވޭ. ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި ވެސް އެބަ ބުނޭ،" މޫސާ ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާއަށް މިހާރުވެސް ބައެއް ކަންތައްތައް އެޖެންޑާ ކުރަން އެބަހުރި ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މަޖިލީހަށް ވަދެފައި މިއޮތީ އިއްޔެގެ ވަގުތެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ހުށަހަޅުއްވާފައިވާ ގަރާރެއް. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބެހޭގޮތުން އޮތް ގަރާރެއް، އަދި އަބުރުގެ ގާނޫނު އުވާލުމަށް ދާދި ދެންމެއަކު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ހުށަހަޅުއްވާފައިވޭ. އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ހުށަހަޅުއްވާފައި އެބަވޭ އެންޓި ޑިފެކްޝަން ބިލް އުވާލަން. އެއާއެކު އަޅުގަނޑު ރިޔާސަތުން ހުށަހަޅާ ބިލެއްގެ ގޮތުގައި އެބަ ހުށަހަޅަން ނޮވެމްބަރު 11 ވަނަ ދުވަހު އިންތިހާބީ ރައީސް ހުވާ ކުރެއްވުމާ ބެހޭ ގޮތުން،" އޭނާ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ މެމްބަރުން އެދިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބާއްވާ ގިނަ ދުވަސްވެފައި ވާތީ ޖަލްސާ އާދިއްތަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް މޫސާ ވިދާޅުވިއެވެ.