މިދިޔަ އަހަރު ޝްރައްދާ ކަޕޫރު ވަނީ ބޮލީވުޑްގައި މިހާތަނަށް ރިލީސްކުރި އެންމެ އައިކޮނިކް ސީކުއަލްތަކުގެ ތެރެއިން އެއް ސީކުއަލް ކަމުގައިވާ ސްޓްރީ 2 ޕްރިމިއާކޮށްދީފައެވެ.
އޭގެ ފަހުން 6 މަސް ފާއިތުވެފައިވާއިރު ޝްރައްދާގެ ފިލްމެއްގެ ވާހަކަ އިވިފައެއް ނުވެއެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ ޝްރައްދާ މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމީ މުސްތަގުބަލާ ބެހޭ ގޮތުން ބޮޑު ހިންޓެއް ދީފައެވެ.
ފިލްމެއް އިއުލާނު ކުރާނެ ކަމަށް ޝައުގުވެރިކަމާއެކު ސަޕޯޓަރުން އިންތިޒާރުކުރަނިކޮށް، ޝްރައްދާގެ އިންސްޓަގްރާމް ސްޓޯރީއެއްގައި ބުނީ ތަފާތު ވާހަކައެކެވެ.\
"ފިލްމެއް އިއުލާނު ކުރަން ޖެހޭ، އަހަރެންގެ ޕްރޮޑަކްޝަން ކުންފުންޏަށް.... ނަމެއް ހުށަހަޅާބަލަ!"
އެހެންކަމުން މިހާރު އެނގޭ ގޮތުގައި ޝްރައްދާ މާ ލަސްތަކެއް ނުވެ އާ ފިލްމެއް އިއުލާނު ކުރާނެއެވެ.
އެކަމަކު "އަހަރެންގެ ޕްރޮޑަކްޝަން ކުންފުނި" އިން އޭނާ މާނަކުރީ ކޮން އެއްޗެއް ހެއްޔެވެ؟ މިއީ ޝްރައްދާ ބޮލީވުޑް ޑީވާތައް ކަމުގައިވާ ދީޕިކާ ޕަދުކޯން، އާލިޔާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ފަދައިން ޕްރޮޑިއުސަރަކަށް ވާނެ ކަމުގެ އިޝާރާތެއް ހެއްޔެވެ.
ޝްރައްދާގެ މި ޕޯސްޓް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.
އެތައް ބަޔަކު ވަނީ ޝްރައްދާގެ ޕްރޮޑަކްޝަން ހައުސްއަށް މަޖާ ނަންތަކެއް ހުށަހަޅައިފައެވެ. މި ނަންތައް އިންސްޕަޔާ ވެފައިވަނީ އޭނާގެ ބައްޕަ ޝަކްތީ ކަޕޫރުގެ އައިކޮނިކް ކެރެކްޓަރު ކަމުގައިވާ އަންދާޒް އަޕްނާ އަޕްނާ (1994) ގެ ކްރައިމް މާސްޓާ ގޯގޯ އިންނެވެ. މިސާލަކަށް، އެއް ކޮމެންޓްގައި ލިޔެފައިވަނީ، "ދަކީ-ޓިކީ ޕްރޮޑަކްޝަންސް،" އަނެއް ފޭނަކު މަޖާކޮށްލީ، "ގޯގޯ ޕްރޮޑަކްޝަންސް... ވެސް ވަރަށް ޕޮޒިޓިވް ވައިބެއް އެބަހުރި." ކަމަށް ބުނަމުންނެވެ.