މުންބާއީގައި ހުންނަ ޝާޚް ރުކް ޚާންގެ، ގެ "މަންނަތު" ވަނީ ފަތުރުވެރީންގެ މަންޒިލަކަށް ވެފައެވެ. މަޝްހޫރު ބާންދްރާ ބަންޑްސްޓޭންޑާ ދިމާލުގައި ހުންނަ މި ފާހަގަކޮށްލެވޭ ގެއަށް ކޮންމެ ދުވަހަކުވެސް ސެލްފީ ނަގަން އެތައް ސަތޭކަ މީހުނެއް ޒިޔާރަތްކުރެއެވެ. ޝާޚު އާއި އޭނާގެ އާއިލާ މިތަނުގައި ދިރިއުޅެމުން އަންނަތާ 25 އަހަރު ވެއްޖެއެވެ. ނަމަވެސް މި އަހަރުގެ ފަހުކޮޅު، ޚާން އާއިލާ އެމީހުންގެ މި ގެ ދޫކޮށް އެޕާޓްމަންޓް އިމާރާތެއްގައި ދިރިއުޅެން ފަށާނެއެވެ. ސަބަބަކީ "މަންނަތު" މަރާމާތު ކުރާން ޖެހޭތީއެވެ.
ބޮލީވުޑް ހަބަރުތަކުގައިވާ ގޮތުގައި މަންނަތުގެ މަރާމާތުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުއެވެ. މި މަސައްކަތުގެ ތެރެއިން، މި ގެ އިތުރަށް ފުޅާކުރާނެއެވެ. މިކަމަށް ޓަކައި ޝާހު އަށް ކޯޓުގެ ހުއްދަ ހޯދަން ޖެހުނެވެ.
ޝާހު، އޭނާގެ އަންހެނުން ގައުރީ އަދި ދަރީން، އާރްޔާން، ސުހާނާ އަދި އަބްރާމް ބަދަލުވަނީ ކައިރީގައިވާ، ބާންދްރާގެ ޕާލީ ހިލް ސަރަހައްދުގައި ހުރި ލަގްޒަރީ އެޕާޓްމަންޓް އިމާރާތެއްގެ 4 ފަންގިފިލާއަށެވެ. އެޗްޓީގެ ރިޕޯޓެއްގައިވާ ގޮތުން، ޝާހު މި ފަންގިފިލާތައް ކުއްޔަށް ހިފާފައިވަނީ ފިލްމު ޕްރޮޑިއުސަރު ވާޝް ބަގްނާނީގެ އަތުންނެވެ. ޝާހުގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ލީވް އެންޑް ލައިސަންސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ބަގްނާނީގެ ދަރިފުޅު، އެކްޓަރު ޖެކީ ބަގްނާނީ އަދި އޭނާގެ ދަރިފުޅު، ދީޕްޝިކާ ދޭޝްމުޚްއާ އެކުގައެވެ. މި ދެމީހުންނަކީ ޕޫޖާ ކާސާގެ ހިއްސާދާރުންނެވެ.
ހަބަރުތައް ބުނާ ގޮތުން މި 4 ފަންގިފިލާގައި ތިބޭނީ ހަމައެކަނި ޚާން އާއިލާ އާއި އެމީހުންގެ ސެކިއުރިޓީ އާއި މުވައްޒަފުންނެވެ. އަދި އޮފީސް ޖާގަ ވެސް ހުންނާނެއެވެ. ރިޕޯޓުތަކުގައިވާ ގޮތުން އޭނާ މި 4 ފަންގިފިލާއަށް މަހަކު 24 ލައްކަ ރުޕީސް ކުލީގެ ގޮތުގައި ދައްކާނެއެވެ.
ޝާހު އާއި އޭނާގެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި އޭނާއާއި އޭނާގެ އާއިލާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޕްރައިވަސީ ކަށަވަރުކުރުމަށެވެ. ބިޒްނަސް ސްޓޭންޑަޑްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެ އެކްޓަރު ކުއްޔަށް ހިފާފައިވަނީ އިމާރާތުގެ 1 ވަނަ، 2 ވަނަ، 7 ވަނަ އަދި 8 ވަނަ ފަންގިފިލާގެ 2 ޑުޕްލެކްސް އެޕާޓްމަންޓެވެ. މި އެޕާޓްމަންޓްތައް ކުއްޔަށް ހިފާފައިވަނީ 3 އަހަރުގެ މުއްދަތަށެވެ. ޚާން އާއިލާ އެހާ ދިގު މުއްދަތަކަށް އެތާ ތިބުމަށް ރާވާފައިވޭތޯ ސާފެއް ނޫނެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި، މަންނަތުގެ މަރާމާތަށް ދެ އަހަރު ނަގައިފާނެއެވެ.