'ބަފީ ދަ ވެމްޕަޔަރ ސްލޭޔަރ' އަދި 'ގޮސިޕް ގާލް' ފަދަ މަޝްހޫރު ސީރީޒްތަކުން މަގުބޫލުކަން ހޯދާފައިވާ ތަރި މިޝެލް ޓްރެކްޓެންބާގް، އުމުރުން 39 އަހަރުގައި މަރުވެއްޖެއެވެ.
އޭނާ މަރުވި ސަބަބު އަދި އެނގިފައި ނުވާ ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ ސެންޓްރަލް ޕާކް ސައުތުގައި ހުންނަ ވަން ކޮލަމްބަސް ޕްލޭސް ނަމަކަށް ކިޔާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްއަކުން ކަމަށް ހަބަރުތައް ބުނެއެވެ.
މިޝެލް ވަނީ ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
1985 ވަނަ އަހަރު ނިއު ޔޯކް ސިޓީއަށް އުފަންވި މިޝެލް، އޭނާގެ ކެރިއަރު ފެށީ ވަރަށް ޅަ އުމުރުގައެވެ. އޭނާއަށް އުމުރުން އެންމެ 3 އަހަރުގައި ނިކަލޮޑިއަންގެ މަޝްހޫރު ސީރީޒް 'ދަ އެޑްވެންޗަރސް އޮފް ޕީޓް އެންޑް ޕީޓް' ގައި ނޯނާ މެކްލެންބަރގްގެ ރޯލު ލިބުނެވެ. އޭގެ ފަހުން، 1996 ވަނަ އަހަރު 'ހެރިއެޓް ދަ ސްޕައި' ފިލްމުގައި ލީޑް ރޯލު އަދާކުރިއެވެ. މިޝެލް ދެން ފެނިގެންދިޔައީ 'ޔޫރޯޓްރިޕް'، 'އައިސް ޕްރިންސެސް' އަދި '17 އަގެއިން' ފަދަ ފިލްމުތަކުންނެވެ. އޭގެ ފަހުން އޭނާއަށް ފުޅާ ދާއިރާއެއްގައި މަޝްހޫރުކަން ލިބުނީ އައިކޮނިކް ޓީވީ ސީރީޒްތަކެއް ކަމުގައިވާ 'ބަފީ ދަ ވެމްޕަޔަރ ސްލޭޔަރ' އަދި 'ގޮސިޕް ގާލް' ގައި އަދާކުރި ރޯލުތަކުންނެވެ.
މިޝެލްގެ ފަހުގެ ފޮޓޯތަކުން ސަޕޯޓަރުންގެ މެދުގައި އޭނާގެ ސިއްހަތާ މެދު ކަންބޮޑުވުން އުފެދުނެވެ. އެއް ސަޕޯޓަރަކު އޭނާގެ ފޮޓޯއަކަށް ކޮމެންޓެއް ކުރަމުން ބުނެފައިވަނީ އޭނާ ފެންނަނީ "ބަލިކޮށް" ކަމަށެވެ. މިއަށް ޖަވާބު ދެމުން މިޝެލް ވަނީ އޭނާ ފެންނަނީ ބަލިކޮށް ކަމަށް ބުނާ ސަބަބު އޮޅުންފިލުވައިދިނުމަށް އެދިފައެވެ. އަދި އޭނާއަކީ 14 އަހަރުގެ ކުއްޖެއް ނޫން ކަމަށާއި 38 އަހަރު ފުރިފައިވާކަމަށް ބުނެފައިވެއެވެ.
އޭގެ ދެތިން ގަޑިއިރު ފަހުން، މިޝެލް އިތުރު ފޮޓޯއެއް ޕޯސްޓުކޮށް ލިޔުނެވެ؛
"އަހަރެންގެ ސިފަޔާ ބެހޭގޮތުން ފަހަކަށް އައިސް އެތައް ކޮމެންޓެއް ލިބެއެވެ. އަހަރެން އެއްވެސް ޕްލާސްޓިކް ސާޖަރީއެއް ހަދާފައެއް ނުވާނެއެވެ. އަހަރެން މިހުރީ އުފަލާއި ދުޅަހެޔޮކަމާއެކުގައެވެ."
އޭގެ ފަހުން އޭނާގެ އާ ހެއާ ސްޓައިލްގެ ސެލްފީއެއް ހިއްސާކޮށް ލިޔުނެވެ، "މަޖާ ހަގީގަތެއް. މިއީ އަހަރެންގެ މޫނު. ކާނާގެ ދަތިކަމެއް ނޫން އެހެން މައްސަލައެއްވެސް ނޫން. ނަފުރަތު ކުރަނީ ކީއްވެގެންތަ؟"