މުނިފޫހިފިލުވުން

ގޯވިންދާއާއި ސުނީތާ ވަރިވާން އުޅޭ ވާހަކަތަކަށް ވަކީލުގެ ރައްދު

މިދިޔަ އަންގާރަ ދުވަހު ބޮލީވުޑްގެ ފަލަ ސުރުހީ ތަކުގައި އެންމެ ފާހަގަކޮށްލެވުނީ ގޯވިންދާގެ ވަރީގެ ވާހަކަ އެވެ. މުޅި ސޯޝަލް މީޑިއާގައި އޮތީ، ގޯވިންދާ އާއި ސުނީތާ އަހޫޖާގެ 38 އަހަރުގެ ކައިވެނި ނިމުމަކަށް އަންނަ ވާހަކަ އެވެ. ވަރިވާން ނިންމި ވާހަކަ އެވެ. ގޯވިންދާގެ ވަކީލު، ލަލިތް ބިންދަލް، މިހާރު ވަނީ އެ ވާހަކަތަކަށް ރައްދުދީފިއެވެ.

ގޯވިންދާގެ ވަކީލު ބުނިގޮތުގައި ސުނީތާ ވަނީ 6 މަސްކުރީން ވަރިވުމަށް އެދި ހުށަހަޅައިފައެވެ. ނަމަވެސް، ފަހުން އެކަންތައްތައް ހައްލުވެގެން ދިޔައެވެ. އޭނާ އިތުރަށް ބުނީ އާ އަހަރު ފެށުނުއިރު ނޭޕާލަށް ދަތުރުކޮށް، އެކުގައި އަޅުކަންކުރާންވެސް ދިޔައެވެ. މިހާރު އެ ދެމަފިރިންގެ މެދުގައި ހުރިހާ ކަމެއް ރަނގަޅު ކަމަށާއި މިފަދަ ކަންތައްތައް ދެމަފިރިންގެ މެދުގައި ހިނގަމުންދާނެކަމަށެވެ.

އެ ދެމަފިރިން ވަކިން ދިރިއުޅެމުންދާ ކަމަށް ބުނާ ވާހަކަތައް ވެސް ދޮގުކޮށް، ވަކީލު ބުނީ ގޯވިންދާ އެމްޕީއަކަށް ވުމަށްފަހު ރަސްމީ ބޭނުންތަކަށް ވަކި ގެއެއް ގަނެފައިވާ ކަމަށެވެ. އެ ގޯތީގެ ދޮރު ހުރީ އެމީހުން ކައިވެނިކުރި ފަހުން ދިރިއުޅެމުން އައި ފްލެޓާ ދިމާލުގައެވެ. ވަކީލު އިތުރަށް ކިޔައިދިން ގޮތުގައި ގޯވިންދާ ބައެއް ފަހަރު އެތަނުގައި ބައްދަލުވުންތަކުގައި ބައިވެރިވެ، ބައެއް ފަހަރު ރޭގަނޑު ވެސް އެތާ ހޭދަކުރެއެވެ.

ސުނީތާ ފަހަކަށް އައިސް ޕޮޑްކާސްޓްތަކުގައި ބައިވެރިވެފައިވާ ގޮތާ މެދު ވާހަކަދައްކަމުން ބުނެފައިވަނީ، އޭނާގެ ވާހަކަތަކުން ތަންތަންކޮޅު ވަކިވަކީން ނަގައި، ނުބައިކޮށް މާނަކޮށްފައިވާ ކަމަށެވެ.

ވަކީލު ބުނީ، ގޯވިންދާއާއި ސުނީތާއާ ދެމެދުގައި ގުޅުން ރަނގަޅު ކަމަށާއި އެ ދެމަފިރީން ވަރި ނުވާނެ ކަމަށެވެ.