މުނިފޫހިފިލުވުން

18 ކްރޯޑް ރުޕީސްގެ ލޯނު މައާފުކޮށްދިންކަމުގެ ތުހުމަތަށް ޕްރީތީ ރައްދު ދީފި

ބޮލީވުޑްގެ ތަރި ޕްރީތީ ޒިންޓާގެ ނަމުގައި އޮތް 18 ކްރޯޑު ރުޕީސްގެ ދަރަންޏެއް އަދާކުރަން ދަތިތަކާ ކުރިމަތިވެފައިވާތީ ނިއު އިންޑިއާ ކޯޕަރޭޓިވް ބޭންކް ލިމިޓެޑުން އެ ފައިސާ މައާފުކޮށްދީފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކަށް އޭނާ ރައްދުދީފިއެވެ.

ޕްރިތީ ނެރުނު ބަޔާނެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދީފައެވެ.

މި މައްސަލަ ފެށިގެން އައީ މަނީލައިފްއިން ނެރުނު ރިޕޯޓެއްގައި، ބޭންކުގައި ހިންގާފައިވާ މާލީ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް ހާމަކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ވަނީ އެ ބޭންކުގެ ހިންގުން ހަރުދަނާ ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 25 ކްރޯޑު ރުޕީސްއާ ހަމައަށް ހުރި ކޯޕަރޭޓް ލޯނުތައް ވަނީ ބްރާންޗް މެނޭޖަރުންނަށް އެނގުމަކާ ނުލައި ދޫކޮށްފައެވެ. މި ލޯނުތަކުގެ ތެރެއިން ގިނަ ލޯނުތައް ވަނީ އެއް އަހަރު ތެރޭގައި ނޮން-ޕާފޯމިންގ އެސެޓްސް (އެންޕީއޭ) އަށް ބަދަލުވެފައެވެ.

ފާހަގަކުރެވުނު އެންމެ މަޝްހޫރު މައްސަލަތަކުގެ ތެރޭގައި ބޮލީވުޑްގެ ތަރި ޕްރީތީއަށް ދޫކުރެވުނު ކަމަށް ބުނާ 18 ކްރޯޑު ރުޕީސް ލޯނު ހިމެނެއެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް، އެ ލޯނު ވަނީ "މައާފުކޮށްދީފަ" އެވެ.

މިކަމަށް ރައްދު ދެމުން، ޕްރިތީ ބުނީ، 12 އަހަރު ކުރީން، ނިއު އިންޑިއާ ކޯޕަރޭޓިވް ބޭންކުގައި އޯވަޑްރާފްޓް ފެސިލިޓީއެއް އޮތް ކަމަށާއި 10 އަހަރު ކުރީން، މި އޯވަޑްރާފްޓް ފެސިލިޓީއާ ގުޅޭ ހުރިހާ ދަރަންޏެއް އަދާކޮށް ނިންމާފައިވާނެ ކަމަށެވެ. އަދި އެ އެކައުންޓް ވަނީ ބަންދުކޮށްފައި ކަމަށަވެސް އެ ބަޔާނުގައި ވެއެވެ.

ރިޕޯޓުގައި ކޮށްފައިވާ އިތުރު ތުހުމަތުތަކުގެ ތެރޭގައި 2019 ވަނަ އަހަރު 80 އަށްވުރެ ގިނަ ސީނިއަރ މުވައްޒަފުން ވަޒީފާއިން ވަކިވާން މަޖުބޫރުކޮށްފައިވެއެވެ. މިކަމާ ގުޅިގެން މުވައްޒަފުން ވަނީ އާރްބީއައި އަށް ފޮރެންސިކް އޮޑިޓެއް ހަދައި، ޑިރެކްޓަރުންގެ ބޯޑު އުވާލައި، އަދި ޒިންމާވާން ޖެހޭ ފަރާތްތަކުގެ އަމިއްލަ މުދަލުން ގެއްލުންތައް ހޯދުމަށް ގޮވާލާފައެވެ.