ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް ފައިނަލަށް ކ. ކާށިދޫ ދަތުރުކުރީ އެންމެން ހައިރާން ކޮށްލައިފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ފެށިގެން ދިޔަ އިރު، ކާށިދޫއަކީ ފައިނަލް ކުޅޭނެ ޓީމެކޭ ބުނި މީހަކު މަދުވާނެއެވެ. ހަމަ ޔަގީނުން ވެސް ފެވަރިޓެއް ގޮތުގައެއް ނުގުނާނެއެވެ. އެކަން އެހެން އޮތް އޮތުމަށް އެޓީމުން ނިމުން ގެނެސްފިއެވެ. މުޅިން އަލަށް ކުއާޓާ ފައިނަލެއްގައި ވެސް ކުޅެ، އެ ފޯރީގައި މުޅިން އަލަށް ފައިނަލަށް ވެސް ދަތުރުކޮށްފިއެވެ. "ހައިރާންކަމާއި ޖަޒުބާތުގެ އިތުރުން ރަށު ރޫހު،" ފުރިހަމައަށް ފެނިގެން ދިޔަ ޖާދުވީ ދަތުރެކެވެ.
ރަށުގެ ކުޅިވަރު ތާރީހުގައި އެންމެ ބޮޑު ދުވަހަކަށް ވާނީ އަންގާރަ ދުވަހެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް އެ ޓީމުން ހދ. ނައިވާދޫއާ ދެކޮޅަށް ނުކުންނާނީ މުޅި ރަށް އެދެމުންދާ ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ. ހަމަ ޔަގީނުން ވެސް ކާށިދޫގެ ދަތުރުން ރާއްޖޭގެ ފުޓްސަލްއަށް ތަފާތު މެސެޖުތަކެއް ދީފިއެވެ. ޓީމު ގޭމެއްގައި، ބުރަ މަސައްކަތްކޮށްފިނަމަ، ފުޓްސަލްއަކީ ވަކި ކުޅުންތެރިއަކަށް ނޫނީ ވަކި ރަށަކަށް ވާނެ ކަމެއް ނޫންކަން ދައްކުވައިދިނީ މޮޅު ސިކުނޑިއަކުންނެވެ.
ކާށިދޫގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާދާރަކީ ކޯޗު، އަލީ ހައިސަމް (ޗުމްޕު) އެވެ. ރާއްޖޭގެ ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް އާންމު ނަމެކެވެ. ކޯޗެއްގެ ގޮތުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު މިހާރު ހުރީ ކާށިދުއަށް ތަށި ހޯދުމުގެ އަޒުމުގައެވެ.
"މިހާރު ޓާގެޓަކީ ތަށި. ޓީމު ތެރޭގައި ކުރާ މަސައްކަތުގެ އިތުރަށް ޓީމް ވޯކް މި ފެންނަނީ. އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ކުރާ މަސައްކަތް މި ފެންނަނީ. ވަކި ކުޅުންތެރިއެއްގެ މަސައްކަތެއް ނޫން މި ފެންނަނީ. ޓީމު އެއްކޮށް ކުރާ މަސައްކަތް،" ޗުމްޕު ސެމީ މެޗަށްފަހު ބުންޏެވެ.
ސެމީ މެޗުގައި ކާށިދޫން 2023 ވަނަ އަހަރު ފައިނަލުގައި ކުޅުނު ގދ. ވާދޫ ރޮއްވާލި އިރު، އޭގެ ކުރިން އެޓީމުން ވަނީ ވަރުގަދަ ތ. ތިމަރަފުއްޓާއި ކ. ގާފަރުގެ އިތުރުން ވިލިމާލެ ވެސް މުބާރާތުން ކަޓުވާލައިފައެވެ. އަތޮޅު ތަށްޓާއި ޒޯން ތަށި ނުލައި ފައިނަލަށް ނުކުތަސް، ކާށިދުއަށް މިހާރު އޮތީ މާ ބޮޑު ޝަރަފެއް ހޯދުމުގެ މަގެކެވެ.
"އަސްލު ކޯޗިންގައި ގޯލްޑަންގައި މިހިސާބަށް މި އާދެވުނީ އަލަށް. ވަރަށް އުފާވެއްޖެ މި ހިސާބަށް އާދެވުނީމަ. ފަހަރަކު މެޗަކަށް ވިސްނަމުން މިއައީ. ހާއްސަކޮށް ސީނިއާކޮށް މިތިބި އަކޫބެމެން ކަހަލަ ކުޅުންތެރިންގެ ވެސް އެހީއާއެކު މިހާ ހިސާބަށް މި އާދެވުނީ،" ޗުމްޕު އިތުރަށް ބުންޏެވެ.
ކާށިދޫން ގިނަ މެޗުތަކެއްގައި ފަހަތުން އަރައި މޮޅުވިތަން ފެނިގެން ދިޔަ އިރު، ބަލަން ތިބި އެންމެންނަށް ވެސް އެ ޓީމުން ފެނުނު އެންމެ ވަރުގަދަ އެއްޗަކީ ރޫހެވެ. ޖޯޝެވެ. ޓީމުގެ ބުންވަރާއި ހަކަތައެވެ. މަސައްކަތު ރޭޓްގެ ފުރިހަމަ ކަމެވެ. އަދި ބަދަހިކަން ވެސް މެއެވެ. އެ ވިސްނުން ޓީމަށް ގެނެސްދޭން ޗުމްޕު އަބަދު ވެސް ބުނެދިން ވާހަކަ ތަކެއް އެބަހުއްޓެވެ.
"ކުޅުންތެރިންނަށް އަބަދުވެސް ބުނެދޭ އެއްޗަކީ، މޮޅުވިޔަސް، ބަލިވިޔަސް މަސައްކަތް ކުރާށޭ. މަސައްކަތު ރޭޓް ވައްޓާނުލައްޗޭ މެޗުގެ އެއްވެސް ވަގުތެއްގައި. އެއީ ބަލިވެފައި އޮތަސް، މޮޅުވެފައި އޮތަސް. އެހެން މި ވިސްނައިދިނީ. ކުޅުންތެރިންނަށް އިތުބާރު އެބައޮތް ވަރަށް ބޮޑަށް،" ޗުމްޕު ބުންޏެވެ.
ކާށިދޫގެ ރައްޔިތުން އެކުގައި އޮތީ ޓީމު ފަހަތުގައި ކަން ޓީމަށް ޔަގީނެވެ. ސެމީ މެޗުގައި ވެސް ސަޕޯޓަރުން އަޑު ގުގުމަމުން ދިޔަ އިރު، ޓީމުގެ ހިތްވަރަށް އެންމެ ބޮޑު ރޯލެއް އަދާކުރަމުން ދަނީ އެ ސަޕޯޓަރުންނެވެ. ޗުމްޕުގެ ވިސްނުމުގައި މިހާރު ކާށިދޫން އެ ކުޅޭ ކުޅުމާއެކު، ރަނގަޅަށް ތައްޔާރުވެގެން ތަށި ނެގުމަށް ފުރުސަތު އެބައޮތެވެ.
ވަކި ކުޅުންތެރިއެއް ނޫނެވެ. ކާށިދޫގައި ތިބީ ހުސް ތަރިންނެވެ. މިވެނި ކުޅުންތެރިޔަކީ ކާށިދޫގެ އެންމެ މޮޅޭ ބުނަން އުނދަގޫވާ ސަބަބަކީ އެޓީމުން ކުޅޭ ޓީމު ގޭމެވެ. އެ ބަދަލަކީ ރާއްޖޭގެ ފުޓްސަލްއަށް ވެސް ފެނިގެންދާ އިންގިލާބީ ބަދަލެކެވެ. ފުޓްސަލްގެ ޓެކްޓިކަލް ވިސްނުން ކާށިދޫއާ އެކު ފުރިހަމަ ކުރުމަށް ޗުމްޕުއަށް ކުރިއަށް އޮތީ އެންމެ މެޗެކެވެ.