ނެދަލޭންޑްސްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުންދާ ފަޔަނޫޑްގެ ކޯޗުކަމުގެ މަގާމަށް ކުރިން އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ފޯވަޑް ވެން ޕާސީ ހަމަޖައްސައިފިއެވެ.
އުމުރުން 41 އަހަރުގެ ޕާސީ ރިޓަޔާކުރީ 2019 ވަނަ އަހަރުއެވެ. އޭގެފަހުން ކޯޗިންގެ މަސައްކަތްތަކުގައި ޕާސީ ހަރަކާތްތެރިވެފައިވާ އިރު، ކުރީގެ ކްލަބު ފަޔަނޫޑާ ގުޅުމުގެ ކުރިން ހުރީ ނެދަލޭންޑްސްގެ ހީރެންވީންގެ ކޯޗުކަމުގައެވެ. ޕާސީ ވަނީ ކެރިއަރުގެ ކުރީކޮޅުގައި ފަޔަނޫޑަށް 122 މެޗު ކުޅެ، 46 ގޯލު ޖަހައިދީފައެވެ.
ހީރެންވީނާ ހަވާލުވުމުގެ ކުރިން ޕާސީ ވަނީ ފަޔަނޫޑްގެ އެސިސްޓެންޓް ކޯޗުކަމުގައިވެސް މަސައްކަތްކޮށްފައެވެ. އެއީ ޑިކް އެޑްވޮކާޓްގެ ކޯޗުކަމުގައެވެ. އޭގެ އިތުރުން ފަޔަނޫޑްގެ ޒުވާން ޓީމާއެކު ޕާސީ ވަނީ ކޯޗިން މަސައްކަތްތަކެއް ކޮށްފައެވެ.
ޕާސީ ފަޔަނޫޑާއެކު އެއްބަސްވެފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ ހަވާލުވި އިރު، ލީގުގައި ފަޔަނޫޑް އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް އަޔެކްސްއަށްވުރެ 11 ޕޮއިންޓް ފަހަތުގައެވެ.
ޕާސީ ވަނީ 2004 ވަނަ އަހަރުން ފެށިގެން އާސެނަލްގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، އެ ކްލަބާއެކު އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. އޭގެފަހުން 2012 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވެ، ޕްރިމިއާ ލީގުވެސް އޭނާ ކާމިޔާބުކުރިއެވެ.