ހޮލިވުޑްގެ ބޮޑެތި ނަންތަކުގެ ތެރެއިން މާޓިން ސްކޯސީސީ އާއި ލިއޮނާޑޯ ޑިކެޕްރިއޯ ގުޅިގެން އާ ފިލްމެއް އުފައްދަން ނިންމައިފިއެވެ. މި ފިލްމަކީ ޑުވެއިން ޖޮންސަން އަދި އެމިލީ ބްލަންޓްގެ އޮރިޖިނަލް އައިޑިއާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
ހޮލީވުޑް ހަބަރުތައް ބުނާގޮތުގައި ފިލްމާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ރަސްމީކޮށް އަދި ސޮއިކޮށްފައެއް ނުވެއެވެ. މި ފިލްމު ކުރިއަށް ގެންދެވޭނީ ޑިސްޓްރިބިއުޓަރެއް ލިބުމުންނެވެ. ނަމެއްވެސް އަދި ދީފައި ނުވާ، މި ފިލްމުގެ ސްކްރިޕްޓް ލިޔަނީ ލިޔުންތެރިޔާ އަދި ނޫސްވެރިޔާ ނިކް ބިލްޓަން އެވެ. ނިކްއަކީ 2021 ވަނަ އަހަރު އެޗްބީއޯގެ ޑޮކިއުމެންޓަރީ 'ފޭކް ފޭމަސް' ހެދި ފަރާތެވެ.
ޑުވެއިން އަދި އެމިލީ އަކީ ކުރިން 'ޖަންގަލް ކްރޫޒް' ގައި އެކުގައި މަސައްކަތްކޮށްފައިވާ ދެތަރީންނެވެ. މި ޕްރޮޖެކްޓް މާޓިން އަދި ލިއޮނާޑޯއަށް ހުށަހެޅީ އެމީހުންނެވެ. އަދި އެ ދެ ތަރީން ޝައުގުވެރިކަން ފާޅުކުރުމުން، އެންމެން އެކުގައި ނިކްގެ ގާތަށް ގޮސް މި ފިލްމު ލިޔުމަށް އެދުނެވެ.
ހަބަރުތައް ބުނާ ގޮތުގައި، ކުރިއަށް އޮތް މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ސްކޯސީސީ، ޖޮންސަން، ބްލަންޓް، ލިއޯ، ބިލްޓަން، ޑޭނީ ގާސިއާ، ލިސާ ފްރެޗެޓް އަދި ރިކް ޔޯން ހިމެނެއެވެ.