ރަމަޟާން މަސް ނިމުމާއެކު ހެޔޮ އަމަލުކުރުމުން ދުރުހެލިވެގެން ނުވާނެ ކަމަށާއި މުއުމިނުންގެ ސިފައަކީ ހެޔޮ އަމަލުކުރުން މަތީ ދެމިތިބުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ރަމަޟާން މަސް ތިބާއަށް މުޅި އަހަރުގައި ބޭނުންކުރެވިދާނެ ރޫހާނީ ހަކަތައެއް ތިބާގެ ކިބައިގައި އުފައްދައިދީފައިވާ ކަމަށެވެ.
"ރަމަޟާން މަސް މިވަނީ ތަގުވާވެރިކަމާއި ހެޔޮ އަމަލުތަކުގެ މަގުފަހިކޮށްދީފައެވެ. ރަމަޟާން މަސް މިވަނީ ތިބާއަށް މުޅި އަހަރުގައި ބޭނުންކުރެވިދާނެ ރޫހާނީ ހަކަތައެއް ތިބާގެ ކިބައިގައި އުފައްދައިދީފައެވެ. މި ހަކަތައިގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމަކަށް ވާތީ، އެ މަހުގައި ޞާލިހު އަމަލުތައް ކުރުމަށް ޝައުގުވެރިކަން ބޮޑުވާނެއެވެ. ރަމަޟާން މަސް ނިމުމާއެކު މި ކަންކަމާ ދުރުހެލިވެގެން ނުވާނެއެވެ. މުއުމިނުންގެ ސިފައަކީ ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ބުއްދިވެރިއަކީ އެމީހާގެ ނަފްސު ކިޔަމަންކޮށް، މަރުވުމަށްފަހު އޮތް ހަޔާތަށް ތައްޔާރުވާ މީހާ ކަމަށާއި އަދި ނުކުޅެދުންތެރިއަކީ އެމީހާގެ ހަވާނަފްސު އެދޭހާ ކަމަކަށް އިޖާބަދިނުމަށްފަހު ﷲގެ ހަޟްރަތުން ފޮނި އުންމީދެއް ކުރާ މީހާ ކަމަށެވެ. އަދި ލިބިގެންމިވާ ކުޑަ ދުވަސްކޮޅު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
"ބަރަކާތުން ފުރިގެންވާ، ރަހުމަތާއި، ފާފަ ފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު، އަޅުގަނޑުމެންނާ ވަކިވުމުގެ ވަގުތު ދާދި ގާތްވެއްޖެއެވެ. ހެޔޮ ގޮތުގައި މި މައްސަރު ހޭދަކުރި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. ހެޔޮޮ ގޮތުގައި މި މައްސަރު ހޭދަ ނުކުރެވުނު މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ކުދިކުދި ކަންކަމާ މެދު ފަރުވާތެރިވާ ފަދައިން އެކަންކަމަށް ވުރެ ބޮޑަށް، ބޮޑެތި ފާފަތަކާއި ފާހިޝް އަމަލުތަކާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށާއި އޮޅުވާލުމާއި އަނިޔާވެރިވުމާއި ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތް ހެދުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.