އަހްމަދު ފާރިސް މައުމޫން

ފާރިސްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލު ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ހުކުމެއް ކްރިމިނަލް ކޯޓުން ފާރިޝްގެ މައްޗަށް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ކްރިމިނަލް ކޯޓުން ފާރިޝް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރިއިރު އެ މައްސަލަ ހައި ކޯޓުން ބާތިލުކޮށްފައި މިވަނީ ހުކުމް ތަންފީޒުކޮށް ނިމެން ކައިރިވެފައި ވަނިކޮށެވެ.

ފާރިޝް ހައިކޯޓަށް ހުށަހެޅުއްވި މައްސަލާގެ ހުކުމްގައި އޭނާއަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ޝަރީއަތް ހިންގާފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވީ އޭނާއަށް ދެކޮޅަށް ކޮށްފައިވަނީ ތުހުމަތެއް ކުރެވޭ ވަރުގެ ހެއްކެއް ނުވަތަ ގަރީނާއެއް އޮތްކަމަށ ބަލާފައި ކޮށްފައިވާ ހުކުމެއް ނޫން ކަމަށެވެ.

ހުކުމްގައިވާ ގޮތުން ފާރިސްގެ މައްސަލާގައި ސިއްރުން ހެކި ބަސް ނަގާފައިވަނީ އުސޫލުތަކުގެ ބޭރުންނެވެ.

ނަމަވެސް ފާރިސްގެ މައްސަލާގައި ދައުލަތުން އެގޮތަށް އެދިފައިނުވަނީސް މައްސަލާގައި ހެކި ބަސް ސިއްރުން ނަގައި ބަޔާންތައް ސިއްރުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ