ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މަޖިލިސް އިދާރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާ ކަމަށެވެ.
އެ ގަވާއިދަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް ވާނަމަ، މިފެށޭ މަހުގެ ދިހަވަނަ ދުވަހުގެ 13:00ގެ ކުރިން ގަވާއިދާ ބެހޭ ކޮމިޓީގެ މެއިލް [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ފޮނުވައިދިނުމަށް ރައްޔިތުންގެ މަޖިލީހުން އެދެއެވެ. އެ ގަވާއިދުގެ ކޮޕީއެއް މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި 30 ދުވަހުގެ ތެރޭގައި މަޖިލިސް ގަވާއިދު އިސްލާހުކުރުމަށް 11 މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އެ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކަނޑައަޅާފައިވާ އިރު، އެ ކޮމިޓީގެ ނައިބު މުގައްރިރަކީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ.
އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލިސް ބަހުސްގެ ވަގުތު ހަތަރު ގަޑިއިރަށް ބަދަލުކުރަން ނިންމައިފައެވެ. ކުރީގެ ގަވާއިދުގައި ބަހުސް ކުރުމަށް ޖުމްލަ ތިން ގަޑިއިރު ކަނޑައަޅާފައިވާ އިރު، އެ ވަގުތު ބަހާލުމުން ވާހަކަދައްކަވަން ވަގުތު ލިބެނީ ޕާޓީތަކުގެ މެންބަރުން ތަމްސީލުކުރައްވާ ނިސްބަތަށް ބަލައިގެންނެވެ. އެހެންކަމުން ވާހަކަދައްކަވަން އެންމެ ގިނަ ވަގުތު ލިބެނީ މަޖިލީހުގައި އެންމެ ގިނަ މެމްބަރުން ތަމްސީލުކުރައްވާ ޕާޓީއަށެވެ. ޕާޓީތަކުގެ މެމްބަރުންގެ އިތުރުން އަމިއްލަ މެމްބަރުންނަށް ވެސް ވާހަކަދައްކަވަން ވަކި ވަގުތެއް ކަނޑައަޅާފައިވެއެވެ.
އިއްޔެގެ ބައްދަލުވުމުގައި ނިންމި ނިންމުމާއެކު ކޮންމެ މެމްބަރަކަށް ވެސް ބަހުސްކުރެއްވުމަށް ދެ މިނެޓު ލިބޭނެއެވެ. އޭގެ އިތުރުން ބަހުސްކުރުމަށް ކަނޑައެޅި ވަގުތުގެ ތެރެއިން އެއް ގަޑިއިރަކީ ސިޔާސީ ހަ ޕާޓީގެ މެދުގައި ވަގުތު ބަހައިގެން ބަހުސް ކުރިއަށްގެންދާ ގަޑިއިރެކެވެ. އެގޮތުން ކޮންމެ ޕާޓީއަކަށް ވެސް ބަހުސްކުރުމަށް ދިހަ މިނެޓު ލިބޭނެއެވެ.