މުނިފޫހިފިލުވުން

ސަނަމް ތޭރީ ކަސަމް 2 އަށް ހަރުޝްވަރުދަން އާއެކު ޝްރައްދާ!

"ސްޓްރީ 2" ގެ ކާމިޔާބީއާ އެކު، ޝްރައްދާ ކަޕޫރު ވަނީ ބޮލީވުޑްގެ އެންމެ އިތުބާރު ބޮޑު ތަރީންގެ ތެރޭގައި ހިމެނިފައެވެ. މެޑޮކް އުފައްދާ ގިނަ ބިރުވެރި، މަޖާ ފިލްމުތަކެއްގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އޭނާއާ އަންނަނީ މަޝްވަރާ ކުރެވެމުން ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

މި ޚަބަރުތަކާ ގުޅިގެން، ފިލްމު އުފައްދާ ފަރާތްތަކުގެ ތެރެއިން ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫއާ "ސަނަމް ތޭރީ ކަސަމް" ގެ ދެވަނަ ބަޔަށް ޝްރައްދާ ކަޕޫރު ލުމާ ބެހޭގޮތުން ވަނީ ސުވާލު ކުރެވިފައެވެ.

"އިންސްޓަންޓް ބޮލީވުޑް" އަށް އިންޓަވިއުގައި، ބައެއް ސަޕޯޓަރުން ވަނީޯ "ސަނަމް ތޭރީ ކަސަމް 2" ގައި ހަރުޝްވަރުދަން ރާނޭއާ އެކު ޝްރައްދާ ފެނުމަށް ބޭނުން ކަމަށް ރާދިކާ އާއި ވިނޭއަށް ހުށަހަޅައިފައެވެ. އަސްލު ފިލްމުގައި މަވްރާ ހޮކޭންގެ ކެރެކްޓަރު މަރުވެފައިވާތީ، އާ މީހަކު ގެނައުމުގެ ފުރުސަތު އެބައޮތެވެ. ޝްރައްދާގެ ސަޕޯޓަރުން މިކަމާ އުފާވާނެ ނަމަވެސް، އަސްލު ފިލްމުގެ ވަފާތެރި ސަޕޯޓަރުން މި ބަދަލާމެދު ހިތްހަމައެއް ނުޖެހެއެވެ.

އިންޓަނެޓުގައި މިކަމާމެދު ތަފާތު ޚިޔާލުތައް އަންނަނީ ފާޅުކުރެވެމުންނެވެ. ބައެއް ސަޕޯޓަރުން މިކަމާ އުފާކުރާއިރު، އަނެއްބައި މީހުން މި ބަދަލާމެދު ޔަގީންކަން ކުޑަކަމަށް ޚަބަރުތައް ބުނެއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި 'އާޝިޤީ 2' އާއި 'ވިލަން' ފިލްމުގައި ޝްރައްދާ މަސައްކަތްކޮށްފައި ވާއިރު މިފަދަ ކެރެކްޓަރުތައް ކުޅުމަކީ އޭނާއަށް ވަރަށް ފަސޭހަ ކަމެކެވެ. އަދި ހަރުޝް އާއި ޝްރައްދާ މި ފިލްމު ވަރަށް ބޮޑަށް ފިޓުވާނެ ކަމަަަށްވެސް އެމީހުން ދެކެއެވެ.

ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި ޝްރައްދާއަކީ މި ރޯލަށް އެންމެ އެކަށޭނަ ތަރިއެއް ނޫނެވެ. އަދި މަވްރާ އަނބުރާ ގެންނަން ޖެހޭނެ ކަމަށް އެމީހުން ދެކެއެވެ. އެމީހުން ދެކޭގޮތުގައި ޝްރައްދާ ރަނގަޅަށް ފެންނަނީ ހަމައެކަނި އަދިތިޔާ ރޯއި ކަޕޫރާ އެކުގައެވެ. އަދި އެދެނީ ހަމައެކަނި ސާރޫ (މަވްރާ) އެ ރޯލުން ފެނުމެވެ. އެހެން ނޫންނަމަ ފިލްމު ފްލޮޕް ވާނެ ކަމަށް އެމީހުން ދެކެއެވެ.

ހަރުޝްވަރުދަން އާއި މަވްރާ ހޮކޭން ގެ "ސަނަމް ތޭރީ ކަސަމް" މި މަހު އަލުން ދައްކަން ފަށާފައިވެއެވެ.