ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ފާސް ކުރި އަބުރުގެ ގާނޫނު އުވައިލަން ދާދި ދެންމެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ގާނޫނު ބާތިލުކުރަން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އެވެ.
"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން ދާދި ފަހުން ފާސް ކުރި އެ ގާނޫނު ބާތިލުކުރައްވަން ހުށަހެޅުއްވުމަށް މަޖިލީހުގެ ގޯތި ތެރޭގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އެ ގާނޫނު ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ވޯޓުދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ފާސްކުރި އެ ގާނޫނު ގެ ސަބަބުން ދިވެހި ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
"މި ގާނޫނުގެ ސަބަބުން ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކެއް އުނިކުރެވިފައި ވަނީ. އަޅުގަނޑުމެން އަމަލުކުރަމުން މި އަންނަ ގާނޫނު އަސާސީގެ އެކި މާއްދާ ތަކާ ފުށު އަރާ ކަންތައްތަކެއް ވެސް މިގާނޫނުގައި އެބަހުރިކަން އަޅުގަނޑު ފާހަގަކުރަން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އަބުރުގެ ބިލުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަށް ހައްގު ނޫން އަދަބު އަދި އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން ދިވެހި ނޫސްވެރިކަމަށް ވެސް ހުރަސްތައް ކުރިމަތިވެ ޚިޔާލުފާޅު ކުރުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން އެކި ކަހަލަ އަނިޔާތައް ލިބިފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އައި ފަހުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ ތަހުގީގީ ނޫސްްވެރިކަމަށް އޮތް ފުރުސަތު ހަނިވެފައިވާ ކަމަށް ރާއްޖޭގެ ސީނިއަރ އެޑިޓަރުން ވިދާޅުވެ އެވެ. އަދި އެ ގާނޫނުގެ ދަށުން ރާއްޖޭގެ ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
ޝާހިދު ވިދާޅުވީ އަބުރުގެ ގާނޫނު ބާތިލުވުމުން ނޫސްވެރީންގެ ގައިގައި އެޅުވިފައިވާ ކަސްތޮޅުން ސަލާމަތް ވާނެ ކަމަށާއި ޚިޔާލު ފާޅުކުރާން ބޭނުންވާ މީހުންގެ އަނގަމަތީގައި އަޅާފައި ހުރި ޓޭޕު ގަނޑު ވެސް ނެއްޓިގެން ދާނެ ކަމަށެވެ.
އަބުރުގެ ގާނޫނު އުވައިލުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.