މުނިފޫހިފިލުވުން

ކްރިޝް 4 ގައި ރޭކާ!

ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ 'ކްރިޝް 4' އަކީ ބޮލީވުޑްގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. ރާކޭޝް ރޯޝަން ވަނީ ފޭނުން އުފާވާނެ ބޮޑު ކާސްޓިން އަޕްޑޭޓެއް ހިއްސާކޮށްފައެވެ. އެގޮތުން ލެޖެންޑަރީ އެކްޓްރެސް ރެކާ މި ފިލްމުން ފެންނާނެއެވެ.

ރާކޭޝް އެކަން ހާމަކުރީ 'ދަ ރޯޝަންސް' ޑޮކިއުމެންޓްރީ ސީރީޒްގެ ކާމިޔާބީ ފާހަކުރުމަށް ބޭއްވި ހަފުލާގައެވެ. މި ހަފުލާގައި ރާކޭޝް އަދި ރެކާ ހިމެނޭ ގޮތަށް ބޮލީވުޑްގެ ގިނަ ތަރިން ބައިވެރިވިއެވެ.

'ދަ ރޯޝަންސް' ކާމިޔާބީގެ ހަފުލާ އެކި ވީޑިއޯތައް އޮންލައިންގައި ވައިރަލްވެގެން ގޮސްފައިވާއިރު އޭގެ ތެރެއިން އެއް ވީޑިއޯ ވަކިން ހާއްސައެވެ. މި ވީޑިއޯގައި ރިތިކް، ރެކާ އަދި ރާކޭޝް ފޮޓޯއަކަށް ހުއްޓިގެން ތިބޭއިރު، ރިތިކް ހުންނަނީ ރެކާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރެކާ ހުރީ ރިތިކްއަށް ތައުރީފު ފާޅުކުރުމުގައެވެ.

ބޮލީވުޑް ހަންގާމާއަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި އަލުން ޑައިރެކްޝަނަށް އެނބުރި އަންނާނެތޯ ރާކޭޝްއާ ސުވާލުކުރުމުން އޭނާ ވަނީ މުސްތަގުބަލުގައި އެއްވެސް ފިލްމެއް ޑައިރެކްޓް ނުކުރާނެ ކަމަށް ބުނެއެވެ. ނަމަވެސް 'ކްރިޝް 4' ގެ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.