މުޙައްމަދު ޝަމްޢޫން
މިވަގުތު ނުލިބި އޮތް އެންމެ މުހިއްމު ތަށްޓަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ކަމަށާއި، އެކަމަށް އެކުގައި މަސައްކަތް ކުރާނެ ކަމަށް ވިލިމާލޭގެ ކެޕްޓަން އަލީ ޝީޔާހް (ޝިޔާ) ބުނެފިއެވެ.
ރާއްޖޭގެ ފުޓްސަލްގައި ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޝިޔާ، މިދިޔަ އަހަރު ވިލމާލޭ ޓީމާއެކު ގޯލްޑަންގެ ސެމީ ފައިނަލުގައި ކުޅެފައިވެއެވެ. މިދިޔަ އަހަރުގެ ސެމީގައި ލ. ގަން ކައިރިން 5-3ގެ ނަތީޖާއަކުން ބަލިވެފައިވާ އިރު، ވިލިމާލެއިން މިފަހަރު ނުކުތީ އިތުރަށް ޓީމު ވަރުގަދަވެސް ކޮށްގެންނެވެ.
"މުޅި ޓީމު ތައްޔާރުވި ގޮތުން ވަރަށް ރަނގަޅަށް މި ހިސާބަށް އައީވެސް. ދެން އޮތް މެޗުވެސް މިއަށްވުރެ ރަނގަޅު ވާނެ ކަމަށް މިބަލަނީ. އަސްލު ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނުކުމެ އޮތުމާއެކު މިދިޔަ އަހަރަށްވުރެ މިއަހަރު ރަނގަޅުވާނެ ކަމަށް މިބަލަނީ،" ރ. ދުވާފަރާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗަށްފަހު ޝިޔާ ބުންޏެވެ.
ޝިޔާ ބުނީ "މެންޓަލީ" މެޗަކަށްފަހު މެޗެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެންމެން ގުޅިގެން ޓާގެޓް ހިފާފައިވަނީ ތަށްޓަށް ކަމަށެވެ.
ޝިޔާ އިތުރަށް ބުނީ ކެރިއަރުގައި މިހާތަނަށް ކުޅުނު ހުރިހާ މުބާރާތްތަކުގެ ތެރެއިން، މިހާރު އެންމެ ބޭނުންވާ، އެންމެ މުހިއްމު ތަށްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ކަމަށެވެ.
"މިއީ ކެރިއަރުގައި އެންމެ މުހިއްމު ތަށި. އިރާދަކުރެއްވިއްޔާ އެކަން ކުރަން ނުކުމެ މިފަހަރު ޓީމު މިއޮތީ،" ޝިޔާ ފާހަގަކުރިއެވެ.
ވިލިމާލެއާއި ކ. ކާށިދުއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ 9:40 ގައެވެ.