ސަލްމާން ޚާން އާއި ސަންޖޭ ދަތް އަކީ ހަމައެކަނި ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރީންނެއް ނޫނެވެ. އެ ދެމީހުންގެ މެދުގައި ވަރަށް ގާތް ރަހުމަތްތެރިކަމެއްވެސް އޮވެއެވެ. އެ ދެމީހުން 'ސާޖަން' އަދި 'ޔޭ ހޭ ޖަލްވާ' ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށްފައިވެއެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ދެތަރީން އެކުގައި ދާދި ފަހުން ވަނީ އެމެރިކަން ތްރިލަރ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފައެވެ.
ސަލްމާން އާއި ސަންޖޭ ވަނީ ބޮޑު ބަޖެޓެއް ހޭދަކޮށްގެން ހަދާ މި ފިލްމުގެ ޝޫޓިންއަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގެ ޝޫޓިން ފެށުނީ އިއްޔެ އެވެ. މި ޝޫޓިންތައް ކުރިއަށްދާނީ އެ ގައުމުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ގާއިމުކޮށްފައިވާ ޒަމާނީ ސްޓޫޑިއޯއެއް ކަމަށްވާ، އަލްއުލާ ސްޓޫޑިއޯސްގައެވެ.
އަލްއުލާ އަކީ ސަހަރާގެ މަންޒަރުތަކާއި ގަދީމީ އިމާރާތްތަކުގެ ސަބަބުން އިތުރަށް މަޝްހޫރުވަމުން އަންނަ ތަނެކެވެ. މި ތަނަކީ ޖެރާޑް ބަޓްލަރުގެ ޖާސޫސީ ތްރިލަރު 'ކަންދަހާރު' ފަދަ ބޮޑެތި ހޮލީވުޑް އުފެއްދުންތައް ވެސް ޝޫޓުކޮށްފައިވާ ތަނެކެވެ.
ސަލްމާން އާއި ސަންޖޭ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ އަޖޭ ދޭވްގަންގެ 2012 ވަނަ އަހަރު ރިލީޒްކުރި 'ސަން އޮފް ސަރްދާރު' ފިލްމުގެ ހާއްސަ ލަވައެއްގައެވެ.