ރައްޔިތުންގެ މަޖިލިސް

މަޖިލިސް ބަހުސްގެ ވަގުތު ހަތަރު ގަޑިއިރަށް ބަދަލުކުރަން ގަވާއިދު ކޮމިޓީން ނިންމައިފި

ރައްޔިތުންގެ މަޖިލިސް ބަހުސްގެ ވަގުތު ހަތަރު ގަޑިއިރަށް ބަދަލުކުރަން ގަވާއިދާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އަލަށް އެކުލަވާލި 11 މެމްބަރުންގެ ގަވާއިދު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. ކުރިން އޮންނަ ގޮތުން ނަމަ، ބަހުސް ކުރުމަށް ލިބެނީ ތިން ގަޑިއިރެވެ.

ކުރީގެ ގަވާއިދުގައި ބަހުސް ކުރުމަށް ޖުމްލަ ތިން ގަޑިއިރު ކަނޑައަޅާފައިވާ އިރު، އެ ވަގުތު ބަހާލުމުން ވާހަކަދައްކަވަން ވަގުތު ލިބެނީ ޕާޓީތަކުގެ މެމްބަރުން ތަމްސީލުކުރައްވާ ނިސްބަތަށް ބަލައިގެންނެވެ. އެހެންކަމުން ވާހަކަދައްކަވަން އެންމެ ގިނަ ވަގުތު ލިބެނީ މަޖިލީހުގައި އެންމެ ގިނަ މެމްބަރުން ތަމްސީލުކުރައްވާ ޕާޓީއަށެވެ. ޕާޓީތަކުގެ މެމްބަރުންގެ އިތުރުން އަމިއްލަ މެމްބަރުންނަށް ވެސް ވާހަކަދައްކަވަން ވަކި ވަގުތެއް ކަނޑައަޅާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ނިންމި ނިންމުމާއެކު ކޮންމެ މެމްބަރަކަށް ވެސް ބަހުސްކުރެއްވުމަށް ދެ މިނެޓު ލިބޭނެއެވެ. އޭގެ އިތުރުން ބަހުސްކުރުމަށް ކަނޑައެޅި ވަގުތުގެ ތެރެއިން އެއް ގަޑިއިރަކީ ސިޔާސީ ހަ ޕާޓީގެ މެދުގައި ވަގުތު ބަހައިގެން ބަހުސް ކުރިއަށްގެންދާ ގަޑިއިރެކެވެ. އެގޮތުން ކޮންމެ ޕާޓީއަކަށް ވެސް ބަހުސްކުރުމަށް ދިހަ މިނެޓު ލިބޭނެއެވެ.

މަޖިލީހުން އިއްޔެ އެކުލަވާލި 11 މެމްބަރުންގެ ކޮމިޓީއަކީ 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ނެގި ކޮމިޓީއެކެވެ. އެ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކަނޑައަޅާފައިވާ އިރު، އެ ކޮމިޓީގެ ނައިބު މުގައްރިރަކީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ.