އެކްޓަރުން އަކްޝޭ ކުމާރު، އާރު މަދަވަން އަދި އަނަންޔާ ޕާންޑޭ އެކުގައި ފެނިގެންދާ ފިލްމުގެ ނަމަކީ 'ކެސާރީ ޗެޕްޓަރ 2 - ދަ އަންޓޯލްޑް ސްޓޯރީ އޮފް ޖަލިއަންވާލާ ބާގް' ކަމުގައި އިއުލާނުކޮށްފިއެވެ. އެކަން އިއުލާނުކޮށްފައިވަނީ އިންސްޓަގްރާމް އެކައުންޓުގައި، ވިޔަފާރި ދިރާސާވެރިޔާ ތަރަން އަދަރްޝްއެވެ.
މި ފިލްމަކީ އިންޑިއާގެ އެންމެ މަތީ ފަންތީގެ ވަކީލެއް ކަމުގައިވާ ސީ. ސަންކަރަން ނައިރުގެ ދިރިއުޅުމުގެ ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ކަރަން ސިންގް ތިޔާގީއެވެ. މިދިޔަ އަހަރު 18 އޮކްޓޯބަރުގައި، ދަރްމާ ޕްރޮޑަކްޝަންސްއިން އެ ފަރާތުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ނަމެއް ނުކިޔާ މި ޕްރޮޖެކްޓުގެ ރިލީސް ތާރީހު އިއުލާނުކުރިއެވެ.
ކުރިން މި ފިލްމު ރިލީސްކުރަން ހަމަޖައްސާފައި އޮތީ 14 މާރިޗު 2025 ގައެވެ. ދަރްމާ ޕްރޮޑަކްޝަންސް، ލިއޯ މީޑިއާ ކަލެކްޓިވް، އަދި ކޭޕް އޮފް ގުޑް ފިލްމްސް އިން އުފައްދާ މި ފިލްމު މިހާރު ދައްކަން ހަމަޖެހިފައިވަނީ 18 އޭޕްރިލް 2025 ގައެވެ.