ކުޅިވަރު

އޭޝިއަން ކަޕް ޝޫޓިން މުބާރާތުން ރިހި މެޑަލް ހޯދި އީޝަލްއަށް ރައީސްގެ ތަހުނިޔާ

ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ އޭޝިއަން ކަޕް 2025، ޝޫޓިން މުބާރާތުގެ އެއާ ޕިސްޓަލް ވިމެންސް ޖޫނިއާ ޑިވިޝަނުން ރިހި މެޑަލް ހޯދި ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.

އީޝަލް ހޯދި ކާމިޔާބީއަކީ ޝޫޓިންގައި މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އަދި މިއީ ރާއްޖޭގެ އެތުލީޓަކު އޭޝިއާ ފެންވަރުގެ މުބާރާތުން މެޑަލް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝޫޓިން ސްޕޯޓްސްގެ ތާރީހުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން އީޝަލްއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އެއާ ޕިސްޓަލް ވިމެންސް ޖޫނިއާ އިވެންޓުގައި ވާދަކޮށް، އީޝަލް ރިހި މެޑަލް ހޯދި އިރު، އޭނާގެ ސްކޯއަކީ 229.2 އެވެ. މި އިވެންޓް ކާމިޔާބުކުރި ޗައިނީސް ޓައިޕޭގެ ޝޫޓަރު، ލިއައޮ ކެ ރޮން އަށް ހޯދުނީ 231.2 ގެ ސްކޯއެކެވެ.

އުމުރުން 15 އަހަރުގެ އީޝަލް ރިހި މެޑަލް ހޯދީ، 23 ގައުމަކާ ވާދަކޮށް، 21 ގައުމަކަށްވުރެ ކުރި ހޯދައިގެންނެވެ.