އެސްއެމްއީ އެންޑް އޮންޓްރަޕްރަނާސް ފެޑެރޭޝަން އޮފް މޯލްޑިވްސް (އެސްއީއެފްއެމް)ގެ އާ ބޯޑު އިންތިހާބުކޮށްފި އެވެ.
މިމަހު 28ގައި ކުރިއަށް ދިޔަ ޖަލްސާއެއްގައި އެސްއީއެފްއެމްގެ އާ މެނޭޖްމަންޓް އަދި އެގްޒެކެޓިވް ބޯޑު އިންތިހާބުކޮށްފައިވަނީ 2019/2020 އަށެވެ. މި ޖަލްސާގައި އެސްއީއެފްއެމްގެ ރައީސް ކަމަށް އަބްދުލް ލަތީފް އައްޔަންކޮށްފައިވާއިރު ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފައިވެއެވެ. އެއީ އިބްރާހީމް އަލީ ޖަލީލް އަދި ސައުދުﷲ އަހުމަދެވެ. އެސްއީއެފްއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ މުހައްމަދު އަބްދުލް ސައްތާރެވެ.
އެސްއީއެފްއެމް އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރަވެރިންނަށް އެހީވެދީ އެމީހުންގެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ އަމިއްލަ އޯގަނައިޒޭޝަނެކެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އެސްއީއެފްއެމް ވަނީ އިންޑިއާގެ ނިއު ދިއްލީއަށް އެކި ދަތުރު ކުރައްވައި، ވިޔަފާރިތަކަށް އެހީވެދެވޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރައްވާފައެވެ.
އެސްއީއެފްއެމް ވަނީ މުޅި ރާއްޖޭގައިވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރަވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ އެގްޒިބިޝަން؛ ''އެސްއީއެފްއެމް އިންޑިއާ އެކްސްޕޯ'' މިއަހަރު ރާއްޖޭގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މި އެގްޒެބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓް މަހު ހަޔަކުން އަށަކަށް ދަރުބާރުގޭގައެވެ.