ބޮލީވުޑް

އަރްޖުން އާއި މަލައިކާ ގުޅިގެން އުޅޭކަން ހާމަކޮށްފި

އަރްޖުން ކަޕޫރު އާއި މަލައިކާ އަރޯރާ ގުޅިގެން އުޅޭކަމުުގެ އަޑުތައް ފެތުރޭތާ ވަނީ ދުވަސްތަކެއް ވެފައެވެ. މި ދެތަރިންނަކީ ވެސް ވަރަށް ކުރިން ފެށިގެން ރައްޓެހިން ނަމަވެސް މިފަހަކަށް އައިސް ދެމީހުން އެކީގައި އުޅޭ އުޅުމުން ގާތްކަން މާބޮޑު ވެފައިވާކަން ވަނީ ގިނަ ބަޔަކަށް ފާހަގަ ކުރެވިފައެވެ.

މަލައިކާ އަދި އަރްޖުން ތިބީ ލެކްމޭ ފެޝަން ވީކްގައި ވެސް ފުރަތަމަ ބަރީގައި އެކީގައެވެ. އަދި އަބޫ ޖާނީ އާއި ސަންދީޕް ކޯސްލާގެ ގޭގައި އޮތް ޕާޓީއަކަށް އަރްޖުން ދިޔައީ މަަލައިކާ ގޮވައިގެންނެވެ. އެ ޕާޓީ އަށް އަރްޖުންގެ އާއިލާ މެމްބަރުން ވެސް ދިޔައެވެ. އޭގެ ތެރޭގައި ރިޔާ ކަޕޫރު އާއި ކުޝީ ކަޕޫރު ހިމެނެއެވެ. މަލައިކާ ވަނީ އަރްޖުންގެ ރައްޓެހިން އަދި އާއިލާ އާ އެކީ އެ ޕާޓީގައި ވަގުތު ހޭދަ ކޮށްފައެވެ.

ފިލްމް ނަމަސްތޭ އިންގްލޭންޑްގެ ޕްރޮމޯޝަން އަށް އަރްޖުން ވަނީ އިންޑިޔާސް ގޮޓް ޓެލެންޓް ޝޯއަށް ގޮސްފައެވެ. އެ ޝޯގެ ޖަޖަކީ މަލައިކާއެވެ. ސެޓޭޖްމަތީގައި ޝޯގެ ބައިވެރިންނާ ވާހަކަ ދައްކަމުން ދިޔައިރު އަރްޖުން އަދި މަލައިކާ އެތަނަށް ވަނީ އަތުގައި ހިފައިގެންނެވެ.

ނަމަވެސް އަރްޖުން ވެސް އަދި މަލައިކާވެސް އެމީހުންގެ ގުޅުމާ ބެހޭ ގޮތުން އެއްވެސް ރަސްމީ ކޮމެންޓެއް ކޮށްފައި ނުވާއިރު، މިލާން އެއަރޕޯޓުގައި ދެތަރިން އެކީގައި އަތުގުޅުވައިގެން ހިނގާފައިދާ ފޮޓޯއެއް ވަނީ ވައިރަލް ވެފައެވެ. މިދިޔަ ހަފްތާގައި މަލައިކާ އޭނާގެ 45 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ހުރީ އިޓަލީގައެވެެ. އަދި އޭނާ އިންޑިޔާއަށް އެނބުރި އައީ އަރްޖުންއާ އެކީ އެއް ފްލައިޓަކުންނެވެ. އެއަރފޯޓުގައި ފޮޓޯތަކަށް ނާރަން ދެމީހުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިބުނި ފޮޓޯ ވަނީ ވައިރަލްވެ ގިނަ ބަޔަކު ޝެއަރ ކޮށްފައެވެ.

މަލައިކާ އާއި އަރްބާޒް ޚާން ޑިވޯސްވީ 2016 ވަނަ އަހަރުއެވެ. އެއީ ކައިވެނި ކޮށްގެން އުޅޭތާ 18 އަހަރު ފަހުންނެވެ.