އަހްމަދު އަދީބު އަބްދުލްގަފޫރު

ކޯޓުގެ ހުރުމަތް ކަނޑައިގެން އަދީބުގެ މައްޗަށްކުރި ހުކުމް ވަނީ ތަންފީޒު ކުރެވިފަ: ވަކީލު

އިބްރާހިމް ޒަކީ

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި، ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 15 ދުވަހުގެ ހުކުމް ގާނޫނީގޮތުން މިހާރު ތަންފީޒު ވެފައިވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

އަދީބުގެ ގާނޫނީ ވަކީލު އިސްމާއިލް އަހުމަދު "ވަން އޮންލައިން" އަށް ވިދާޅުވީ، ފަނޑިޔާރަކާ ދިމާއަށް އަދީބު ވިދާޅުވި އެއްޗެއްގެ ސަަބަބުން 15 ދުވަހުގެ ހުކުމެއް އަދީބަށް އިއްވި ކަމަށާއި އެ ހުކުމް މިހާރު ތަންފީޒު ވެފައިވާ ކަމަށެވެ.

އެހެންކަމުން އަދީބުގެ މައްޗަށް މިހާރު ތަންފީޒު ކުރަންޖެހޭ އެއްވެސް ހުކުމެއްް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބުގެ ގާނޫނީ ވަކީލު އެހެން ވިދާޅުވި ނަމަވެސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް، އަހުމަދު ނަސީމް އާ ހަވާލާދީ ބައެއް މީޑިޔާ ތަކުން ބުނެފައިވަނީ، ކަރެކްޝަނަލް ސާވިސްއިން އަމަލު ކުރާ އުސޫލަކީ ގިނަ ހުކުމްތަކެއް އެކެއްގެ މައްޗަށް އޮތްނަމަ، އެންމެ ފުރަތަމަ ތަންފީޒު ކުރަނީ އެންމެ ބޮޑު ހުކުމް ކަމަށެވެ. އަދީބުގެ މައްޗަށްް ކޮށްފައިވާ ހުރިހާ ހުކުމް ތަކެއް ބާތިލް ކޮށްފައިވާތީ، 15 ދުވަހުގެ ހުކުމް ތަންފީޒު ކުރަންފެށީކަމަށް މީޑިއާ އޮފިޝަލާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް، އަހުމަދު ނަސީމް "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި މީގެ ކުރިން އަދީބުގެ މައްޗަށް 15 ދުވަހުގެ ހުކުމެއް ކޮށްފައިވާނެ ކަމަށާއި، އެ ހުކުމް ތަންފީޒު ކުރުމުގެ ކަންތައް ޖެހޭނީ ބަލައިލަން ކަމަށެވެ. އަދި ހުކުމެއް އޮވެއްޖެނަމަ ކަރެކްޝަނަލް ސާވިސްއިން އެ ހުކުމެއް ތަންފީޒު ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ކުރި އަށް އަހަރު ދުވަހުގެ ހުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލް ކޮށްފައެވެ. އަދި ޓެރަރިޒަމްގެ ކުށުގައި މީގެ ކުރިން އަދީބުގެ މައްޗަށް ކޮށްފައިވާ 15 އަހަރު ދުވަހުގެ ހުކުމާއި، 10 އަހަރު ދުވަހުގެ ހުކުމްވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.