ގޯލްޑަން ފުޓްސަލް ޗެލެންޖް

ވިލިމާލެއަށް ދެން އޮތީ ގޯލްޑަންގެ ތަށްޓަށް ވާދަކުރުން

ވިލިމާލެއަށް ދެން އޮތް ޓާގެޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓަށް ވާދަކުރުން ކަމަށާއި، އެކަމަށް ސްކޮޑު ތައްޔާރުވާނެ ކަމަށް ޓީމުގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފައިނަލްތައް ރޭ ފަށާފައިވާ އިރު، މާލޭ ޒޯންގެ ފައިނަލުގައި ވިލިމާލެެއިން ނުކުތީ މައްޗަންގޮޅިއާ ދެކޮޅަށެވެ. ފައިނަލް މެޗު ވިލިމާލެއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު ފައިނަލް ބުރުގެ ސެމީ ފައިނަލްގައިވެސް ވާދަކުރި ވިލިމާލެއަށް މިއީ ޒޯން ތަށި ލިބުނު ފުރަތަމަ ފަހަރެވެ. ޓޮޕްލަކް ބުނީ ޓީމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި، ދެން ޓާގެޓަކީ ގޯލްޑަން ތަށި ކަމަށެވެ.

"ވަރަށް ހިތްހަމަ ޖެހޭ، ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނުކުތީވެސް. ފުރަތަމަ ޓާގެޓް އިރާދަކުރެއްވިއްޔާ ހާސިލުވެފައި މިއޮތީ. ދެން އޮތީ ތަށްޓަށް ވާދަކުރުން. އެއަށް ވާދަކުރެވޭވަރުގެ ސްކޮޑަކާއެކު ނުކުތީވެސް. މެޗަކަށްފަހު މެޗެއް ނަގައިގެން ކުރިއަށްދާން ވިސްނުން މިހުރީ،" ޓޮޕްލަކް ބުންޏެވެ.

ޓޮޕްލަކް ބުނީ ޓީމުގެ މަސައްކަތު ރޭޓް އަބަދުވެސް ތަފާތު ވާނެ ކަމަށާއި، ވިލިމާލެ ވެގެންދާނީ ބަލިކުރަން އުނދަގޫ ޓީމަކަށް ކަމަށެވެ.

"ވަރަށް ބޮޑު އުންމީދެއް އެބައޮތް ޓީމާ ދޭތެރޭ. ދަނޑުމަތީގައި ކުރާ މަސައްކަތް، ވިލިމާލެ ޓީމުން ފެންނާނީ ވަރަށް ތަފާތުކޮށް. ވިލިމާލެ ވެގެންދާނީ އުނދަގޫ ޓީމަކަށް ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނަސް،" ޓޮޕްލަކް ބުންޏެވެ.

ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގައިވެސް ހިމެނިފައިވާ ގޯލްކީޕަރު ޓޮޕްލަކަކީ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ތަޖުރިބާ ބޮޑު ކީޕަރެކެވެ. އޭނާ ބުނީ ވިލިމާލެއާއެކު ޒޯން ޗެމްޕިއަންކަން ހޯދުމަކީ އޭނާގެ ކެރިއަރުގައިވެސް މުހިއްމުވާނެ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ފުޓުބޯޅައިގެ ތެރެއިން ނުކުމެ، މިހާރު ބޮޑަށް ފޯކަސް ހުރީ ފުޓްސަލްއަށްކަމަށް ޓޮޕްލަކް ބުނި އިރު، އޭނާ ބުނީ ފުޓުބޯޅައާ ދުރުގައި ހުރުމަށްފަހު މުބާރާތެއް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި މިދިޔަ އަހަރު އަލަށް ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުމެ ދެއްކުނު ކުޅުމަށް ހިތްހަމަ ޖެހޭ ކަމަށާއި، މިފަހަރު އުންމީދަކީ ތަށި ހޯދުން ކަމަށްވެސް އޭނާ ބުންޏެވެ.