ގޯލްޑަން ފުޓްސަލް ޗެލެންޖް

"ގޯލްޑަންގެ ފެންވަރު ދަނީ މަތިވަމުން، ތައްޔާރީތަކުގެ ސިއްރަކީ އިތުބާރު"

ގޯލްޑަން ފުޓްސަލް ޗެލެންޖް މިހާރު އަހަރެއް އަހަރަކަށް ކުރިއަރަމުން، ވާދަވެރިވަމުން ދާ ކަމަށާއި، އެކަމުގެ ސިއްރަކީ މުބާރާތް އިންތިޒާމުކުރުގައި ގެންނަ ކުރިއެރުންތައް ކަމަށް ނައިވާދޫގެ ކޯޗު، މުހައްމަދު އައްޒާމް ބުނެފިއެވެ.

ނައިވާދޫން ޒޯން އެކެއްގެ ފައިނަލުގައި މިރޭ ހއ. ދިއްދުއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުން ޒޯން ފައިނަލަށް ދިޔައީ ވަރުގަދަ ޓީމުތަކާ ވާދަކޮށްގެންނެވެ. ކޯޗު އައްޒާމްގެ ނަޒަރުގައި ޓީމުގެ ކުޅުން ރަނގަޅެވެ.

"ޓީމު ޕާފޮމަންސް ވަރަށް ރަނގަޅު މިހާތަނަށް އައިރު. ހީކުރި ވަރަށްވުރެވެސް އަސްލު ރަނގަޅު. ޓަފް ޒޯނަކަށްވީމަ، އެކަމަށް ވިސްނައިގެން ނުކުތީވެސް. މަޖުބޫރު މެޗުތަކަކަށް ނުކުމެ، ފައިނަލަށް މި ނުކުންނަނީ،" އައްޒާމް ބުންޏެވެ.

ރާއްޖޭގެ ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އައްޒާމް ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފެންވަރު މަތިވަމުންދާ ކަމަށާއި، އެކަން އެހެން ވަނީ ހުރިހާ ޓީމުތަ ތައްޔާރީތައް ވަރުގަދަ ކުރުމުން ކަމަށެވެ. އަދި ޓީމުތަކުން މުބާރާތް ވަރުގަދަކޮށް ނަގަނީ އިންތިޒާމްތައް ފުރިހަމަވުމުން ކަމަށްވެސް އޭނާ ބުންޏެވެ.

"އެއް އަހަރަށްވުރެ އަނެއް އަހަރަށް ބަލާއިރު، ގޯލްޑަން މި ދަނީ ފެންވަރު މަތިވަމުން. ކުޅުންތެރިންގެ ހުނަރާއި ޕާފޯމަންސަށް ބަލާއިރުވެސް އެއް އަހަރުން އަނެއް އަހަރަށް މިދަނީ ފެންވަރު ތަފާތުވެ، މަތިވަމުން. އޭގައި ސިއްރަކީ ގޯލްޑަންގެ ތައްޔާރީތައް. ގޯލްޑަންގެ ތައްޔާރީތައް ވަރުގަދަވަމުން، މުބާރާތް ކިކް ކުރަމުން މި އަންނަނީ އެއް އަހަރުން އަނެއް އަހަރަށް. އެހެންވީމަ ކުޅުންތެރިންނާއި ޓީމުތަކަށް ލިބޭ މޯޓިވޭޝަނެއް އެއީ މުބާރާތަށް ތައްޔާރުވާން،" އައްޒާމް ބުންޏެވެ.

އައްޒާމް ފާހަގަކުރީ ފައިނަލަށް ނުކުންނަ އިރު، ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެ ކަންކަން ރަނގަޅުކޮށްގެން ފައިނަލަށް ނުކުންނާނީ ޒޯން ތަށި ހޯދުމަށް ކަމަށެވެ.

އެޓީމުން މިރޭ ދިއްދުއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު އޮންނާނީ 8:00 ގައެވެ.