މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އަދި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔަކީ ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރު ޖުލައިމަހު އޭނާ ސާޖަރީއެއް ކުރިއެވެ. އޮންލީ ސާޖަރީ ކުރީ ޕޮސްޓޭރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އެއްކޮށް "ޓިއާ"ވުމާއެކު ދެން އިތުރަށް ކުޅޭނަމަ، ސާޖަރީ މަޖުބޫރުވުމުންނެވެ. އޮންލީ ރާއްޖޭގެ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖަށް އޭނާ ނުކުތީ އާ ޗެލެންޖަކަށެވެ. ދ. ކުޑަހުވަދޫ ޓީމާއެކު ކޯޗަކަށެވެ.
އަތޮޅު ބުރާއި ޒޯން ބުރުގެ ތަށި ކުޑަހުވަދޫން ދިފާއުކުރި ނަމަވެސް، އެޓީމަށް މިފަހަރު އަދި އެހާ ފަސޭހައެއް ނޫނެވެ. އެ ހިސާބަށް އައީ އުނދަގޫތަކެއް ކަޑައްތުކޮށް، އުނދަގޫ ހާލަތްތަކަކާވެސް ކުރިމަތިލައިގެންނެވެ. ހާއްސަކޮށް މަޖުބޫރު ހާލަތްތަކެއްގައި ނަތީޖާ ނެރެގެންނެވެ.
"ޓީމު އަސްލު ރަނގަޅު. އެކަމަކު އަދިވެސް އެންމެ ހިތްހަމަޖެހޭ ވަރެއް ނުވޭ. އޮންލީ ހަވާލުވި އިރުވެސް ކުޑަހުވަދޫއަކީ އަތޮޅާއި ޒޯންވެސް ނަގާ ވަރުގަދަ ޓީމެއް. މިދިޔަ އަހަރުތަކާ އަޅައިބަލާފަ، މިއަހަރު އަދި ތަންކޮޅެއް ދަށްކޮށް ޕާފޮމަންސް އުޅެނީ. އެކަމަކުވެސް ހިއްލާލަން ޖެހޭ މެޗުގައި އެބަ ހިއްލާލާ. އެކަމަކު މިއަށްވުރެ ބޮޑަށް ހިއްލާލެވިގެން މިކަން ވާނީ. އެއީ ނޮކްއައުޓް މެޗުތަކުގައި އެހާ ލައިޓްކޮށް ގޯލު ވަންނަންޏާ އުނދަގޫވާނެ ކޮންމެ މެޗެއްގެ ނަތީޖާ އަނބުރާލަން. އެކަމަކު އޯވަރޯލް މޮޅުވާން ޖެހޭ މެޗުގައި ވަރަށް ރަނގަޅު. ދެން ކުރިއަށް މިހުރީ ހުސް އެކަހަލަ މެޗު. އެހެންވީމަ ރަނގަޅު ވާނެ ކަމަށް މިބަލަނީ،" ރޭގެ ޒޯން ފައިނަލަށްފަހު އޮންލީ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
އޮންލީ ބުނީ ޓީމުގެ މަސައްކަތު ރޭޓް މަތިކޮށްލަން ޖެހޭކަން ކުޅުންތެރީންވެސް ގަބޫލުކުރާ ކަމަށާއި، ކެޕޭސިޓީ ހުރި ނަމަވެސް، އެކަން އެއީ މުހިއްމު ކަމެއް ކަމަށެވެ.
"އަސްލު މަސައްކަތު ރޭޓް ހިއްލާލެވޭ މެޗުތަކުގައި ކާމިޔާބީއަށް ވާސިލުވެވޭ ފެންވަރުގަ ޓީމު އޮންނަނީ. އެހެންވީމަ އެ ކެޕޭސިޓީ ޓީމުގައި އެބަހުރި. އަދި އެކަމަކު ޕާފޮމަންސް ހިއްލާލީމަ ރަނގަޅުވާނީ. ކުޅުންތެރިން އަމިއްލައަށްވެސް ގަބޫލުކުރޭ ޕާފޮމަންސް ހިއްލައި ނުލެވިގެންކަން އެހާ ފަސޭހައިން މެޗުތައް ނުނެގިގެން މިއުޅެނީ. އެހެންވީމަ އެކަން ކުރެވޭނެ،" އޮންލީ ބުންޏެވެ.
އޮންލީއަށް ކުޑަހުވަދޫއަކީ ޗެލެންޖެކެވެ. އަނިޔާގެ ސަބަބުން މިފަހަރުގެ ގޯލްޑަންގައި ނުކުޅެ، ޓީމަކާއެކު ކޯޗުކަމަށް ނުކުންނަން އޭނާ ނިންމި ނިންމުމަކީ އެ ޗެލެންޖް ނަގަން ބޭނުންވެގެން ނިންމި ނިންމުމެކެވެ. ސާޖަރީއަކުން ރިކަވާވަމުންދާތީ އުފަން ރަށް ލ. ގަމަށް ނުކުޅެ ހުންނަން ޖެހުނު ނަމަވެސް، މި މުބާރާތުގައިވެސް އޭނާ ހުރީ ޕްރެޝަރާ ކުރިމަތިލާން ނުކުމެވެ.
މިހާތަނަށް ކުޑަހުވަދޫން މުބާރާތުގައި ހޯދާފައި އޮތް ކާމިޔާބީތަކަށް ބަލާ އިރު، އޮންލީގެ ނަޒަރުގައިވެސް ޓީމާއެކު މަސައްކަތް ކުރަން ޖެހުމަކީ ޕްރެޝަރެކެވެ. އެހެންނަމަވެސް، ޕްރެޝަރު ހޭންޑަލް ކުރެވޭނެކަމުގެ ބޮޑު އުންމީދެއް އޭނާގެ އެބައޮތެވެ. ކުޑަހުވަދޫން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އިތުރުން މިއަހަރުވެސް ޒޯން ކާމިޔާބުކުރި އިރު، މިދިޔަ އަހަރު ފައިނަލް ބުރުގައި ކުއާޓާ ފައިނަލް ކުޅެ، ކެޓީ ގާފަރު ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ކުރިން 2023 ވަނަ އަހަރު އެޓީމުން މުބާރާތުގެ ސެމީ ފައިނަލްވެސް ކުޅުނެވެ.
"މިއީ އަސްލުވެސް ހަމަ ބޮޑު ޗެލެންޖެއް. އެއީ ކުޑަހުވަދޫއަކީ ކުރީންވެސް ކާމިޔާބު ޓީމެއް. އެހެންވީމަ އެ ޕްރެޝަރު އޮންނާނެ. އެކަމަކުވެސް އެ ޕްރެޝަރާ ކުރިމަތިލައިގެން، މިކަން ކުރެވޭނެ. އެ އުންމީދު އެބައޮތް،" އޮންލީ ބުންޏެވެ.
އޮންލީއަކީ މީގެ ކުރިން ލ. ގަން ލީޑުކޮށް، މުބާރާތުގެ ތަށި ނަގާފައިވާ ކެޕްޓަނެކެވެ. 2023 ވަނަ އަހަރު ގަމުން ގދ. ވާދޫ ބަލިކޮށް ތަށި ނެގި އިރު، އެޓީމުގެ ލީޑަރަކީ އޮންލީއެވެ. އެފަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. އެ ތަޖުރިބާއަކީ މިއަދު އޭނާ ކުޑަހުވަދޫ ޓީމުގައި ބޭނުންކުރަމުންދާ ތަޖުރިބާއެވެ.