ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން، އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުށިން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ފައިނަލުތައް މިރޭ ފަށާފައިވާ އިރު، ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުށިން ކ. ކާށިދޫ ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އޭދަފުށިން މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ޕެނަލްޓީގައި ތަފާތު ދެއްކީ ޓީމުގައި ބޭނުންކުރެވޭނެ ގޯލްކީޕަރެއް ނެތިގެން އަންގީގައި ގޯލަށް ނުކުތް، ކުޅުންތެރިޔާ މުހައްމަދު އަަޖުފާނެވެ. މުބާރާތުގެ ކުރިން އޭދަފުށީގެ ކީޕަރު އަހުމަދު އަފްޒަލަށް އަނިޔާވެ، މުބާރާތް ގެއްލިފައިވާ އިރު، އެޓީމުން މިރޭ ނުކުތީ އަބްދުﷲ ނާސިހާއި އަހުމަދު އިރުފާން ސްކޮޑުގައި ހިމަނައިގެންނެވެ.
މިރޭ މެޗު ފެށިގެން ދެ މިނެޓް ތެރޭގައި ނާސިހުއަށް އަނިޔާވެ، ބަދަލުކީޕަރު އިރުފާން ކުޅެން ނުކުތް އިރު، ދެވަނަ ހާފު ތެރޭގައި އޭނާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެހިސާބުން ކީޕަރަށް ނުކުތް އަޖުފާން ގޯލެއް ވަނަ ނުދީ ހިފަހައްޓައި، ޕެނަލްޓީއަށް ގޮސް ތިން ޕެނަލްޓީ މަތަކުރިއެވެ.
އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމްގެ އިތުރުން ހުސައިން ޝަރީފް ޕެނަލްޓީ ވެއްދި އިރު، ކާށިދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިލްވާން މުހައްމަދެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަޖުފާން ހޮވުނު އިރު، އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ފާއްޓެވެ.
މިއީ އޭދަފުށިން ގޯލްޑަންގެ ޒޯން ތަށި އުފުލައިލު ފުރަތަމަ ފަހަރެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މާދަމާ ރޭވެސް ޒޯން ފައިނަލުތައް އޮންނާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.