ގޯލްޑަން ފުޓްސަލް ޗެލެންޖް

ވިލިމާލެއިން ފުރަތަމަ ފަހަރަށް މާލޭ ޒޯންގެ ޗެމްޕިއަންކަން ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ވިލިމާލެއިން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފައިނަލްތައް މިރޭ ފަށާފައިވާ އިރު، މާލޭ ޒޯންގެ ފައިނަލުގައި ވިލިމާލެެއިން ނުކުތީ މައްޗަންގޮޅިއާ ދެކޮޅަށެވެ. ފައިނަލް މެޗު ވިލިމާލެއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު ފައިނަލް ބުރުގެ ސެމީ ފައިނަލްގައިވެސް ވާދަކުރި ވިލިމާލެއިން މިރޭގެ ފައިނަލްގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޑޮމިނޭޓް ކޮށްފައިވާ އިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގައިވެސް ތިން ގޯލު ޖަހައިފައެވެ. އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)ގެ ދެ ގޯލުގެ އިތުރުން ދެން ވިލިމާލެއަށް ފައިނަލުގައި ގޯލުތައް ޖެހީ އަލީ ޝިޔާހް (ޝިޔާ) އެވެ. އޭނާވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

މައްޗަންގޮޅީގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ފެނުނު އިރު، އެ ގޯލު ޖެހީ ހަސަން ސުފިޔާނެވެ.

ޒޯން އަށެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ވިލިމާލޭގެ ބައްސާމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މިރޭ އަދި އިތުރު ޒޯން ފައިނަލްތައް ކުޅޭނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.