ފެނަކަ ކޯޕަރޭޝަން

ނެއްލައިދޫ އިންޖީނުގޭ ކޮންޓްރޯލް ރޫމްގެ ދޮރު ހަލާކޮށްލައިގެން ބަޔަކު ވަންނަ ވީޑިއޯއެއް ފެނަކައިން އާންމުކޮށްފި

މަރިޔަމް ޝަހުދާ

ހދ.ނެއްލައިދޫ އިންޖީނުގޭ ކޮންޓްރޯލް ރޫމްގެ ދޮރު ހަލާކޮށްލައިގެން ބަޔަކު ވަންނަ ވީޑިއޯއެއް ފެނަކައިން އާންމުކޮށްފި އެވެ.

ފެނަކައިން ނޫސްވެރިންނާ މި ވީޑިއޯ ހިއްސާކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ވީޑިއޯގައި ރަށުގެ ރައްޔިތުން ވަދެ އިންޖީނުގޭގެ ކޮންޓްރޯލް ރޫމްގެ ދޮރު ހަލާކުކޮށްލުމަށްފަހު ވަންނަ އިރު އިންޖީނުގެ ބެލެހެއްޓުމާ ހަވާލުވެގެން ހުންނެވި ފަރާތް އެކަމުގައި ރައްޔިތުންނަށް އެހީތެރިވާ މަންޒަރު ފެނެއެވެ. މިކަން ކުށްވެރިކޮށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މި މައްސަލަ ކަމާބެހޭ އިދާރާތަކައް ހުށަހަޅާފައިވާކަމަށެވެ. އަދި މިމައްސަލައިގައި ހިމެނޭ މެނޭޖަރު ވަޒީފާއިން ކަނޑާލާފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ގިނަ ރަށްރަށުން އާންމު ގޮތެއްގައި ކަރަންޓު ކެނޑެނީ ފަސޭހައިން ހައްލުކުރެވޭ ފަދަ ކުދިކުދި މައްސަލަތަކުގައި ކަމަށެވެ. އަދި މުވައްޒަފުންގެ ފަރުވާ ކުޑަވުމުގެ ސަބަބުން ވެސް އެފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބައެއް ފަހަރު ދުވަހުގެ ވަކި ގަޑިއެއްގައި ކަރަންޓު ކަނޑާލައިގެން މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދުރާލާ ޗިޓް ފޮނުވުމަށް ފަހުވެސް ކަރަންޓު ކަނޑާލާނެ ކަމަށް ބުނާ ވަގުތުގައި ކަރަންޓު ކަނޑާލުމުން ރައްޔިތުން މައްސަލަޖައްސާ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ. ސައީދު ވިދާޅުވީ އިންޖީނުގެ މަރާމާތަށް ބޭނުންވާ އެކި އެއްޗެހި ރާއްޖެއިން ފަސޭހައިން ނުލިބުމާއި، ސްޕެއާ ހޯދަން ދިމާވާ ދަތިތަކާހެދިވެސް މައްސަލަތައް ކުރިމަތިވާކަމަށެވެ.

ބައެއް އިންޖީނުތައް މަރާމާތެއް ނެތި 6 މަސް ވާއިރުވެސް މައްސަލަ ނުޖެހި މަސައްކަތް ކުރާކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ އިންޖީނަކީ މައްސަލަ ޖެހޭ އެއްޗަކަށް ވުމުން މަރާމާތަށް ކަރަންޓު ކަނޑަން ބައެއް ފަހަރު ޖެހޭ ކަމަށެވެ. މިފަދަ ކޮންމެ ވަގުތެއްގައި ރައްޔިތުން ނުރުހުން ފާޅުކޮށް އަޑުގަދަކޮށް ހެދުމަކީ ހައްލެއް ނޫންކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައި ފެނަކައިގެ މަސައްކަތް ރަނގަޅުކޮށް، ރައްޔިތުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.