ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު، މައްމަދު ނަޝީދުގެ އަރިހަށް ފުރަތަމަ ޒިޔާރަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު ރައްްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް އެ ޒިޔާރަތުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ ކޮން ކަންތައްތަކަކާބެހޭގޮތުންކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
އިންޑިޔާ ސަފީރު މަޖިލިސް ރައީސް އާ ބައްދަލު ކުރައްވާފައި މިވަނީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަަށް ކުރައްވަން ހަމަޖެހިފައިވާ ޒިޔާރަތުގައި، ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ނިންމާފައި ވަނިކޮށެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދި ވަޑައިގަތުމުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ، އިންޑިޔާ ބޮޑުވަޒީރު މަޖިލީހުގައި ތަގުރީރު ކުރުމުގެ ހުއްދަ މަޖިލީހުން ދީފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގައެވެ.