ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ ބޮލީވުޑްގެ އެކްޓަރު، ސައިފް އަލީ ޚާންގެ ގޭގައި ހިނގި ހާދިސާއަކީ ގިނަ ބަޔަކަށް ސިހުން ގެނުވި ހާދިސާއެކެވެ. މި ހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން ގޮސްފައިވަނިކޮށް، މި ހާދިސާގައި ކަން ހިނގައިދިޔަ ގޮތް ސައިފް އަމިއްލައަށް ފުރަތަމަ ކިޔައިދީފިއެވެ.
އެގޮތުން ދިއްލީ ޓައިމްސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި، އެ ހާދިސާ ހިނގި ވަގުތު އަންހެނުން ކަރީނާ ކަޕޫރާއެކު ދެކެވުނު ވާހަކައެއް ހިއްސާކުރަމުން ސައިފް ބުނީ، ތަދު އިހުސާސްވާ ވާހަކަ ކަރީނާ ކައިރީގައި ބުނި ކަމަށާއި ބުރިކަށީގައި މައްސަލައެއް އުޅޭ ވާހަކަވެސް ބުނިކަމަށެވެ. އެއީ ވަޅީން ހަމަލާދިން ފަހުންނެވެ. ހޮސްޕިޓަލަށް ދާން ކަރީނާ އެދުނު ކަމަށާއި އޭނާ ވަރަށް ކަންބޮޑުވެފައި ހުރެ ފޯނުކޯލްތައް ކުރަމުން ދިޔަ ކަމަށެވެ. އެކަމަކު އެއްވެސް މީހަކާ ނުގުޅޭ ކަމަށްވެސް ސައިފް ބުންޏެވެ.
"'އަހަރެން ރަނގަޅު ކަމަށް ބުނަމުން ދިޔައިން، ތައިމޫރުވެސް އަހަރެންގެ ކައިރީގައި ބައްޕަ މަރުވަނީތޯ އެހި، އަހަރެން ނޫނެކޭ ބުނިން." ސައިފް ބުންޏެވެ.
ހާދިސާއަށްފަހު އައި، ހިތްދަތި ވަގުތުގައި ތައިމޫރު ހުރީ ވަރަށް ހިތްވަރުގަދަކޮށް، ހަމަޖެހިފައިކަން ސައިފް ފާހަގަކުރިއެވެ. ހޮސްޕިޓަލަށް ދިއުމަށް ނިންމި އިރު، ތައިމޫރު އޭނާއާއެކު ދާން ބޭނުންވި ކަމަށާއި ތައިމޫރަށް ބަލައިލުމުން އޭނާއަށްވެސް ހިތްހަމަޖެހުން ލިބުނުކަމަށް ސައިފް ބުންޏެވެ.
ސައިފް އިތުރަށް ބުނީ ތައިމޫރު އޭނާއާއެކު ކަރީނާ ފޮނުވީ ހުރިހާ ކަމެއް އެނގިހުރެ ކަމަށެވެ. އެއީ އެވަގުތު ކުރަން އެންމެ ރަނގަޅު ކަމަކަށް ނުވިޔަސް އޭނާ ހުރީ އެކަމާ ހިތްހަމަޖެހިފައިކަމަށް ސައިފް ފާހަގަކުރިއެވެ. އެ ހާލަތުގައި އޭނާއަށް ކަމެއް ދިމާވިޔަސް، ކައިރީގައި ހުރުން އެންމެ އެދޭ އެކަކީ ތައިމޫރު ކަމަށް ސައިފް ބުންޏެވެ. އެހެންކަމުން އޭނާ ތައިމޫރު އަދި ހަރީ (އެގޭގައި އުޅޭ މަސައްކަތު މީހެއް) އާއެކު އޮޓޯ ރިކްޝާގައި ހޮސްޕިޓަލަށް ދިޔަކަމަށް ސައިފް ބުންޏެވެ.
ހާދިސާގެ ތަފްސީލު ބަޔާންކުރަމުން ސައިފް ބުނީ، އެރޭ ކަރީނާ އުޅުނީ ރޭގަނޑުގެ ކެއުމަކަށް ގޮސް ބޭރުގައި ކަމަށާއި، އަނެއް ދުވަހުގެ ހެނދުނު ކުރާން ޖެހޭ މަސައްކަތެއް އޮތުމާއެކު، އޭނާ ގޭގައި މަޑުކުރީ ކަމަށެވެ. ކަރީނާ ގެއަށް އައުމުން، ވާހަކަދައްކާން އިރުކޮޅަކު ތިބުމަށްފަހު ނިދީކަމަށެވެ. ކުޑައިރުކޮޅެއް ފަހުން، ގޭގައި އުޅޭ މަސައްކަތު މީހާ ދުވެފައި އައިސް، ގެޔަށް ވަގަކު ވަދެއްޖެ ކަމަށާއި އެ މީހާ ހުރީ ޖެހްގެ ކޮޓަރީގައި ކަމަށް ބުންޏެވެ. ވަޅިއެއް ހިފައިގެން ހުރި އެމީހާ ފައިސާއަށް އެދެމުން ދާ ވާހަކަވެސް ބުނި ކަމަށް ސައިފް ބުންޏެވެ. އެއީ ގާގްނޑަކަށް ދޭއްޖެހިއިރު ކަމަށްވެސް ސައިފް ބުންޏެވެ.
ރުޅިއައިސްގެން ވަރަށް ބާރަށް ޖެހްގެ ކޮޓަރިއަށް ދެވުނު ކަމަށާއި، ފެނުނީ މީހަކު ދެ ދަނޑިބުރި ހިފައިގެން ޖެހްގެ އެނދުގެ މަތީގައި ހުއްޓައި ކަމަށް ސައިފް ބުންޏެވެ. އެއީ އަސްލު ހެކްސާ ބްލޭޑްކަން ފަހުން އެނގުނެވެ.
"އެ މީހާގެ ކޮންމެ އަތެއްގައި ވަޅިއެއް އޮތް، މޫނުގައި މާސްކެއް އަޅާފައި ހުރި. އެއީ ވަރަށް އަޖައިބު މަންޒަރެއް، އެވަގުތު ހަށިގަނޑަށް އިތުރު ހިތްވަރެއް ލިބުނު." ސައިފް ބުންޏެވެ.
އެވަގުތު ވަރަށް ބާރަށްގޮސް، އެ މީހާ ހިފަހައްޓައި، އޭނާ ތިރިއަށް ބޭލި ކަމަށް ސައިފް ބުންޏެވެ. ދެ މީހުންގެ ތަޅާފޮޅުން ފެށުނީ އެހާ ހިސާބުންނެވެ. އެ މީހާ ސައިފްގެ ބުރިކަށީގައި ބާރަށް ތަޅަމުން ދިޔަކަން ސައިފް ފާހަގަކުރިއެވެ.
އެވަގުތުގެ ޝޮކުގެ ސަބަބުން މާ ބޮޑު ރިހުމެއް އިހުސާސް ނުވި ކަމަށާއި، ދެން އެ މީހާ ސައިފްގެ ކަރަށް ވަޅި ޖަހަން މަސައްކަތްކުރަމުން ދިޔަ ކަމަށް ސައިފް ބުނިއެވެ. އަތުން އެ ހަމަލާތައް ހުއްޓުވަމުން ދިޔަ ކަމަށާއި، އެވަގުތު އަތްތިލަ އާއި އަތުގެ ކުޑަހުޅަށް ވަޅި ހެރުނު ކަމަށް ސައިފް ބުންޏެވެ
"އެއީ ވަރަށް އަނިޔާވެރި އަމަލުތަކެއް. ދެ އަތުންވެސް ވަޅި ޖަހަމުން ދިޔަ. އޭގެ ބޮޑު ބައި އަހަރެންނަށް ދިފާއުކުރެވުނު." ސައިފް ބުންޏެވެ.
އެ މީހާ ދެ ވަޅިއަކުން ހަމަލާދެމުން ދިއުމުގެ ސަބަބުން، ވަކި ހިސާބަކުން އެކަން ކޮންޓްރޯލް ނުކުރެވުނު ކަން ސައިފް ފާހަގަކުރިއެވެ. އޭނާ ހުރީ ފައިވާނެއްވެސް ނުލައި، އަތުގައި އެއްޗެއް ނެތި، ކުރުތާ ޕިޖާމާއެއްގައި ކަމަށްވެސް ބުންޏެވެ.
އެ ވަގުތު ދުއާކުރަމުން ދިޔައީ ކޮންމެވެސް މީހަކު އައިސް މި މީހާ ދުރުކޮށްދިނުމަށް ކަމަށް ސައިފް ބުނެފައިވެއެވެ. އެ ވަގުތު ގޭގެ މަސައްކަތު މީހާ (ގީތާ) އެ ތަނަށް އައުމުން އިތުރު އެހީތެރިކަމަކަށްވި ކަމަށް ސައިފް ބުންޏެވެ. އެ ވަގުތު އެމީހާ އެއްފަރާތަށް ޖެއްސި ކަމަށާއި ދެމީހުންވެސް ވެއްޓި، ދޮރު ލެއްޕި ކަމަށް ބުންޏެވެ. މުޅި ހަށިގަނޑުގައި ލޭ އުނގުޅިފައި ހުރިއިރު، ކަނާތު ފައިގެ އިހުސާސްވެސް ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށް ބުންޏެވެ.
ސައިފް ބުނީ ބުރިކައްޓަށްކަން ވަޅިހެރިފައި ހުރިކަން ފުރަތަމަ ނޭނގޭ ކަމަށެވެ.
ކަރީނާވެސް ޖެހް ގޮވައިގެން ތައިމޫރުގެ ކޮޓަރިއަށް ގޮސްފައިވާ ކަމަށް ސައިފް ބުންޏެވެ.
"މި ހަމަނުޖެހުން ހިނގަމުންދިޔައިރު، ޖެހް އެތަނުން ނެރުނިން. ކަރީނާ ހަޅޭއްލަވަމުން 'ކުއްޖާ ނެރޭ!' ގޮވަމުން ދިޔަ އަޑު އަހަރެންގެ ހަނދާނުގައި އެބަހުރި" ސަިފް ބުންޏެވެ.
ސައިފް ބުނި ގޮތުގައި، ގީތާ ހުރީ ބޭރުން ދޮރު ބަންދުކޮށްފައި ކަމުން އެންމެންނަށްވެސް ހީވެފައި އޮތީ ވަގުކަލޭގެ އެތެރޭގައި ތަޅުލެވިފައި ހުރި ކަމަށެވެ. ނަމަވެސް، އޭނާ އައި މަގުން ފިލައިގެން ގޮސްފައިވާ ކަން ފަހުން އެނގުނު ކަމަށެވެ. "
"އޭނާ ދިޔައީ އައި މަގުން، އެއީ ފެންހޮޅިއަކުން މައްޗަށް އަރައި ކުދީންގެ ފާޚާނާއަށް ވަދެގެން." ސައިފް ބުންޏެވެ.
ފިލްމީ މަންޒަރެއް ފަދައިން، އެންމެން ތިރިއަށް ދިޔަ ކަމަށާއި އެއިރު މުޅި ހަށިގަނޑުގައި ލޭ އުނގުޅިފައި ހުއްޓާ، ފާރުގައި ޒީނަތްތެރިކުރުމަށް ހަރުކޮށްފައި ހުރި ދެ ކަނޑި ނެގި ކަމަށް ސައިފް ބުންޏެވެ. ތައިމޫރަށް ފެނުނީ މި މަންޒަރު ކަމަށްވެސް ބުންޏެވެ.
ވަގު ކަލޭގެ ހިފަހައްޓާން އިތިރަށް އުޅުމުން، ކަރީނާ ހުރީ އެކަމާ ނުރުހިފައި ކަމަށާއި، ކަރީނާ ބޭނުންވީ ސައިފް އަވަހަށް ހޮސްޕިޓަލަށް ދާން ކަމަށާއި ކުދީންވެސް އަވަހަށް ގެއިން ނެރޭން ކަމަށް ސައިފް ބުންޏެވެ. އެއީ އެމީހާ ކައިރީގައި އުޅެފާނީ، އިތުރު ނުރައްކަލެއް އަތުވާނެތީ ކަމަށްވެސް ބުންޏެވެ.
އެހެންވެ އެންމެން ގެއިން ބޭރަށް ނުކުތް ކަމަށާއި ކަރީނާ ހަޅޭއްލަވަމުން ދިޔައީ ރިކްޝާއެއް، ނުވަތަ ޓެކްސީއެއް، ނުވަތަ އެނޫންވެސް އުޅަނދެއް ހޯދަން ކަމަށް ސައިފް ބުންޏެވެ.
ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ކުރީންވެސް ދެތިން ފަހަރު ގޮސްފައިވާތީ، އެތަނުގެ ކަންތައްތައް އެނގޭތީ އަވަހަށް އެތަަނަށް ދިޔަކަމަށް ސައިފް ބުންޏެވެ. މަޝްހޫރު މީހަކު ހިމެނޭ މައްސަލައެއްކަމާއި، މިއީ އާދަޔާ ޚިލާފު، ހާދިސާއެއްކަން ދޭހަވާން ކުޑަ އިރުކޮޅެއް ނެގިކަމަށާއި ފިލްމީ ތަރިޔަކަށް ވަޅިން ހަމަލާދީފައިވާކަން ދެންގަންނާންވެސް ވަގުތުކޮޅެއް ނެގިކަމަށް ސައިފް ބުންޏެވެ.
އެމީހުން ވީލްޗެއާއެއް ގެނައި ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތްނޫން ކަމަށާއި ސްޓްރެޗަރެއް ގެނެސްދޭން އެދުނުކަމަށް ސައިފް ބުންޏެވެ. އަދި އޭނާއަކީ ސައިފް އަލީ ޚާން ކަން އެނގުމުން ހުރިހާކަމެއް ބަދަލުވެގެން ދިޔަކަމަށްވެސް ސައިފް ބުންޏެވެ.
"އެއަށްފަހު އެމީހުން ވަރަށް ހަލުވިކޮށް މަސައްކަތްކުރި. ޑިއުޓީގައި ހުރި ޑޮކްޓަރު ރަނގަޅު ނިންމުންތައް ނިންމި. ދެން ހޮސްޕިޓަލުގެ އިސްވެރިޔާވެސް އައިކަމަށާއި އޭރު ވަރަށް ބޮޑަށް ފާޚާނާއަށް ދާން ބޭނުންވެފައި ހުރިކަމަށްވެސް ސައިފް ބުންޏެވެ. ކެތީޓަރެއް ލައިދޭން އެމީހުން ހުށަހެޅި ކަމަށާއި އެކަމަށް އިންކާރުކޮށް ހިނގާފައި ދާން އެދުނު ކަމަށް ސައިފް ބުންޏެވެ. ހިނގޭނެ ކަމަކަށް އެމީހުންނަށް ގަބޫލު ނުކުރެވުނީ ބުރިކަށީގައި ހުރި ޒަޚަމް ފެނިފައި ވުމުގެ ސަބަބުން ކަމަށް ގަބޫލުކުރެވޭތީ ކަމަށް ސައިފް ބުންޏެވެ.
ދެން އެމީހުން ބުނީ، އެމްއާރްއައި އެއް ހަދަން ޖެހޭ ކަމަށެވެ. އަތާއި ކަރު ބަލައި، އެތަންތަނުގައި ވަޅިއެޅިފައިވާ ކަމަށް ބުންޏެވެ. އެކަމަކު މައިގަނޑު ޒަޚަމް ހުރީ ބުރިކަށީގައި ކަމަށް ބުންޏެވެ. އެހެންވީމާ އެމީހުން އެމްއާރް އައި ހެދިއެވެ. އަދި ނާރުގެ ސްޕައިނަލް ސަރޖަން އަކަށް ގުޅަން ލަފާދިން ކަމަށްވެއެވެ. އެއީ ވަރަށް ރަނގަޅު ނިންމުމަކަމަށްވި ކަމަަށްވެސް ސައިފް ބުންޏެވެ. ޑރ. ޑަންގޭ (ޑރ. ނިތިން ޑަންގޭ) އޭރު ރޭގަނޑު 2 ޖެހިއިރު ނިދަން ގޮސްފައިވަނިކޮށް، ކޮންމެވެސް މީހަކު އޭނާއަށް ގުޅައި، އޭނާ އަވަސް އަވަހަށް ހޮސްޕިޓަލަށް ގެނައިކަމަށްވެއެވެ.
އެމީހުން ބުނީ ވަޅީގެ ތޫނު ބައި ގާތްގަނޑަކަށް 3-4 އިންޗި، ކޮނޑުގެ ފަހަތުން ވަދެ، ސީދާ މައިބަދަ ކޯޑާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އެ ވަޅި އެތެރެއަށް ބިނދިފައިވާކަމަށްވެސް ބުންޏެވެ. މައިބަދައިގެ ކޯޑުގެ ބޭރު ފަށަލައިގައި ކުޑަކޮށް ޖެހިފައި ހުރިކަމަށްވެސް ބުނިކަމަށް ސައިފް ބުންޏެވެ. އަދި މައިބަދައިގެ ދިޔާ ބޭރަށް ލީކުވަމުންދާތީ، ފައިގެ އިހުސާސް ގެއްލެމުންދިޔައީ ކަމަށް ބުނިކަމަށްވެސް ސައިފް ބުންޏެވެ.
ޑޮކްޓަރުން ކުރި މަސައްކަތަކީ ވަރަށް ފާހަގަކޮށްލެވޭ، ރަނގަޅު މަސައްކަތެއްކަން ސައިފް ފާހަގަ ކުރިއެވެ. އެއީ ވަރަށް ބޮޑު އޮޕަރޭޝަނެކެވެ. އެކަމަށް 6 ގަޑިއިރު ހޭދަވިއެވެ. ހަމައެކަނި މައިބަދައިގެ މަސައްކަތަށް 2.5 ގަޑިއިރު ނެގިއެވެ. ގާތްގަނޑަކަށް 5 ގަޑިއިރު ވަންދެން ހޭނެތިފައި އޮތްކަމަށް ސައިފް ބުނިއެވެ.
ސައިފް ބުނީ މުމްބާއީގައި ހުންނަ އޭނާގެ ގޭގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިތުރު އެއްވެސް ހަތިޔާރެއް ބެހެއްޓުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭނާ ބުނީ އެއްވެސް ކަމެއް ބަދަލު ނުކުރާނެ ކަމަށެވެ. ނުރައްކަލެއްގެ ތެރޭގައި އުޅެވޭކަމުގެ އިހުސާސް ނުވާ ކަމަށާއި އެއީ ކުރިން ރޭވިގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށްވެސް ސައިފް ބުނިއެވެ.
"އަހަރެން ދެކޭގޮތުގައި މިއީ ހަމައެކަނި ވައްކަމެއް ކުރަން އުޅެނިކޮށް ގޯސްވެގެން ދިޔަ ކަމެއް. އަހަރެންނަށްވުރެ ބޮޑަށް އެމީހާގެ ދިރިއުޅުން ހަލާކުވެގެން ހިނގައްޖެ." ސައިފް ބުންޏެވެ.
މި ހާދިސާ އަލުން ދިމާވެއްޖެ ނަމަ ކަންތައް ކުރާނީ އެހެން ގޮތަކަށް ކަމަށް ސައިފް ފާހަގަ ކުރިއެވެ. އެގޮތުން ބޮކި ދިއްލުމަށްފަހު އޭނާއަކީ ކާކުކަން އެނގޭތޯ ސުވާލު ކުރާނެ ކަމަށާއި ވަޅި ތިރި ކޮށްލައި، މަޝްވަރާއަށް ދައުވަތު ދޭނެ ކަމަށް ސައިފް ބުންޏެވެ.
މަސައްކަތްކުރާނީ ވާހަކަދައްކައިގެން ކަންތައް ހައްލުކުރަން ކަމަށާއި ޖެނުއަރީ މަހުގެ ހާދިސާ ހިނގި ދުވަހު ކަންތައް ދިމާވީ ހީވެސް ނުކުރާ ގޮތަކަށް ކަން ފާހަގަކުރިއެވެ.
"އެއީ ރުޅިއާއި، ކަންބޮޑުވުމާއި އަމިއްލަ ދިފާއުގެ އިހުސާސްތަކެއް އެއްކޮށް އައި ވަގުތެއް. އެ ހުރިހާ ކަމެއް ހިނގައިދިޔައީ ވަރަށް އަވަހަށް. އަދި އެއީ މުޅިން އިންސްޓިންކްޓިވްކޮށް ކުރެވުނު ކަމެއް." ސައިފް ބުންޏެވެ.
އާއިލާ ރިއެކްޓްކުރި ގޮތާމެދު ވިސްނާލަމުން، ސައިފް ބުނީ އޭނާގެ ދަރީން ކެތްތެރިކަން ދެއްކި ކަމަށެވެ. ކުދީން ވަރަށް ރަނގަޅު ކަމަށާއި ޖެހް ވެސް ޕްލާސްޓިކް ކަނޑިއެއް ދީފައި އެނދުގެ ކައިރީގައި ބަހައްޓާން އެދުނު ކަމަށެވެ.
މީގެ އިތުރުން ތައިމޫރު ސެކިއުރިޓީއާ މެދު ކަންބޮޑުވާ ކަމަށާއި ސާރާ އާއި އިބްރާހީމްވެސް ވަރަށް އިމޯޝަނަލް ވި ކަމަށް ސައިފް ބުންޏެވެ.
"މިއީ އާއިލާ އެކުވުމަށް ވަރަށް ރަނގަޅު ފުރުސަތެއް، ހަމަ އެހެންމެ، އެންމެނަށް ވެސް ލިބުނު ޝޮކެއް." ސައިފް ބުނިއެވެ.
މި ހާދިސާއާ ގުޅިގެން، އަންހެނުން ކަރީނާ އަމަލުކުރިގޮތުގެ ވާހަކަ އެހުމުން، ސައިފް ބުނީ، އެ ވަގުތު ކަރީނާ ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށާއި އޭނާ އިތުރު ހިތްވަރު ނެރެ، ރަނގަޅު ވިސްނުން އިސްކުރި ކަމަށެވެ. މި ހަމަލާގެ ސަބަބުން އޭނާއަށްވެސް ސިހުން ލިބުނު ކަމަށާއި ސެކިއުރިޓީ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މި ފަދަ ކަމެއް ނުހިނގާނެ ގޮތަށް ކަންކަން ހަރުދަނާ ކުރުމުގެ މުހިންމުކަން ކަރީނާ ފާހަގަކުރި ކަމަށް ސައިފް ބުންޏެވެ.