ފެނަކަ ކޯޕަރޭޝަން

ސިޔާސީ ބޭނުމަށް ކަނޑަައިލި 94 މީހުންގެ ތެރެއިން 48 މީހަކަށް އަލުން ވަޒީފާ ދީފިން: ފެނަކަ

އިބްރާހިމް ޒަކީ

1

ހުސްވި 2018 ވަނަ އަހަރުގެ ޑިސެންބަރު 18 ގައި ފެނަކަ ކޯޕަރޭޝަނާ ހަވާލުވެ ވަޑައިގެންނެވިއިރު، ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށް ޓަކައި ވަޒީފާއިން ވަކި ކޮށްފައިވާ 94 މީހުންގެ ތެރެއިން މިހާނަތަށް، 48 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބަސްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ، ކުންފުންޏާ ހަވާލުވެވަޑައިގެންނެވިއިރު، ސިޔާސީ އެކި ބޭނުމަށް ކުންފުނީގައި ވަރަށްގިނަ ދުވަހު މަސައްކަތްކުރެއްވި ވަފާތެރި ހިދުމަތްތެރި މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.

"އަޅުގަނށޑުމެން ކުންފުންޏާ ހަވާލުވި އިރު ކުންފުނީގައި ވަރަށްގިނަ ދުވަހު މަސައްކަތްކުރެއްވި ވަރަށް ވަފާތެރި ހިދުމަތްތެރި މުވައްޒަފުންވަނީ ސިޔާސީ ބޭނުމަށްޓަކައި ކުންފުނިން ވަކި ކޮށްފަ، އޭގެ ތެރެއިން މިހާތަނަށް ރައީސުލް ޖުމްހުރިއްޔާގެ ހާއްްސަ ބެއްލެވުމުގެ ދަށުުން ސްކްރީން ކުރައްވައިފަ މިހާރު 48 މުވައްޒަފަކަށް އަޅުގަނޑމެން އަލުން އަނބުރާ ވަޒީފާ ވާނީ ދީފަ،" ސައީދު ވިދާޅުވިއެވެ.

އިތުރު ތަފްސީލް ދެެއްވަމުން ޑެޕިއުޓީ މެނެޖިިންގ ޑިރެކްޓަރުން އަބުދުﷲ ވަހީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށް ވަކިކުރި، 94 މީހުންނާ ގުޅި ކަމަށާއި، އޭގެ ތެރެއިން ވަޒީފާދިން މީހުންނަކީ އަލުން ވަޒީފާއަށް އަންނަން ބޭނުންވި މީހުންކަމަށެވެ. ދެން ތިބި މީހުންނަކީ މިހާރު އެކި ތަންތަނުގައި ވަޒީފާ އަދާކުރަމުން އަންނަ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކުރި މީހުންނަށް ވަޒީފާ ހޯދައި ދެއްވާނެކަމަށް، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސުލް ޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އަބުދުﷲ ވަހީދު ވިދާޅުވީ، ސިޔާސީ ބޭނުމަށް ވަޒީފާއިން މީހުން ވަކި ކުރުމުގެ އިތުރުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅުވައިގެން ސިޔާސީގޮތުން އެތައް ބަޔަކަށް ކުރީގެ ސަރުކާރުން ވަޒީފާވެސް ދީފައިވާ ކަމަށެވެ.

އެގޮތުން 137 މީހަކަށް ވަޒީފާދީ، އުސޫލާ ހިލާފަށް އެއް މަސް ދުވަހުގެ ތެރޭގައި އެމީހުން ދާއިމީ ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށްފަ 137 މީހަކަށް ވަޒީފާދީ އެއްމަސް ދުވަހުގެ ތެރޭގައި ފޯމެއް ފުރިހަމަކޮށްލައިގެން އެމީހުންގެ ޕްރޮބޭޝަން ފުރިހަމަކޮށްފަ ދާއިމީކޮށްފަ އެބަތިބި. ދާއިމީ ކޮށްފަ ތިބީމަ ދެން އަޅުގަނޑުމެން އެމީހުން ގޮވައިގެން އުޅެން ޖެހޭނީ، އެކަމަކު އާއްމު ގޮތެއްގައި ވަޒީފާ ދާއިމީ މިކުރަނީ ތިންމަސް ދުވަހުގެ ޕްރޮބޭޝަން ޕީރިއަޑެއް ދީފަ. އެހެންނަމަވެސް މި ދެންނެވި ހުރިހާ ފަރާތްތަކެއް ވަނީ އިންތިހާބާ ދިމާކޮށް ވެއްދި ގާތް ގަނޑަކަށް 137 މީހުން އެއްމަސް ދުވަހުގެ ޕްރޮބޭޝަނަށްފަހު ދާއިމީ ކޮށްފަ،" އަބުދުﷲ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމީހުންގެ ފަރާތުން އެންމެ އެދެވޭ އެއްބާރުލުމެއްވެސް ކުންފުންޏަށް ނުލިބޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟