ގޯލްޑަން ފުޓްސަލް ޗެލެންޖް

ފައިނަލުގެ ކުރިން އިނގުރައިދޫން އަނެއްކާވެސް ދުވާފަރު ބަލިކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ދެއަކުން ފައިނަލާއި ގަދަ 16 ޔަގީންވެފައިވާ ރ. އަތޮޅުގެ އިނގުރައިދުއާއި ދުވާފަރު ރޭ ވާދަކުރި މެޗުވެސް، އިނގުރައިދޫން ކާމިޔާބުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފައިނަލްތަކާ ހަމައަށް ގޮސްފައިވާ އިރު، ރޭ އިނގުރައިދޫއާއި ދުވާފަރު ލީގު ބުރުގައި ކުރިމަތިލީ ފައިނަލް ޔަގީންވެފައި އޮއްވައެވެ. ރޭގެ މެޗުގައި އިނގުރައިދޫ މޮޅުވީ 3-2 އިންނެވެ. އެއީ މިހާތަނަށް މިފަހަރުގެ މުބާރާތުގައި ދުވާފަރުގެ މައްޗަށް އިނގުރައިދޫ ކުރި ހޯދި ތިންވަނަ ފަހަރެވެ.

މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި އިނގުރައިދޫން ލީޑު ނެގި އިރު، އެ ދެގޯލު ޖެހީ އަލީ ހާފިޒް (ހާއްޕެ) އާއި އަހުމަދު އައިހަމް (އައިހު) އެވެ. އެ ދެގޯލާއެކު އިނގުރައިދޫ ލީޑުގައި އޮއްވާ ހާފުނ ނިމުމުގެ ކުރިން މުހައްމަދު ޖުމާން އަހުމަދު ވަނީ ދުވާފަރަށް ގޯލެއް ޖައިދީފައެވެ.

ދުވާފަރުން ދެވަނަ ހާފުގައި މެޗު އެއްވަރުކުރަން ބުރަކޮށް މަސައްކަތް ކުރަނިކޮށް، އިނގުރައިދޫން ތިންވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީވެސް ހާއްޕެއެވެ. އެއީ ދުވާފަރު ކީޕަރު ކުރީގައި އޮއްވާ ދުރުން މަތިމަތިން ވައްޓާލި ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.

ދުވާފަރުން މެޗުގައި ޖެހި ދެވަނަ ގޯލު ޖެހީ ހަސަން އަޒޫމެވެ. މެޗު ނިންމާލިތަނާ ދުވާފަރުގެ އިބްރާހީމް އަނާން ދަނޑު މައްޗަށް އަރައި، ރެފްރީއާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން އޭނާއަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ.

ށ. ކަނޑިތީމާއި ނ. މިލަދޫންވެސް ރޭ އެ ޒޯނުގެ މެޗެއް ކުޅުނު ނަމަވެސް، އެ މެޗުގެ ނަތީޖާއިން ގަދަ ދެ ޓީމުގެ މަގާމަށް ބަދަލެއް ނާދެއެވެ. ކަނޑިތީމުން 7-5 އިން މިލަދޫ ބަލިކުރި އިރު، ކަނޑިތީމުގެ ގޯލުތައް ޖެހީ އަހުމަދު ރިޒާނާއި އިބްރާހީމް ޒަމީމް، އިބްރާހީމް ނަދާދު، މުހައްމަދު ޝާންގެ އިތުރުން އިސްމާއީލް ނިހާން އަދި ޒަޔާން އަހުމަދު ވާސިފެވެ. ރިޒާން މެޗުގައި ދެ ގޯލު ޖެހިއެވެ.

މިލަދޫގެ ގޯލުތައް ޖެހީ ހަސަން އަބްދުލް ސަމަދާއި އަހުމަދު އިނަފް އަބްދުﷲ، ހުސައިން ޝާފީގެ އިތުރުން މުހައްމަދު ޔައިޝް އަދި އަބްދުﷲ ޝަމީމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މިހާރު ވަނީ ގަދަ 16 ޓީމު ޔަގީންވެފައެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.