ސްޓައިލް އަދި އެކްޓިން އަށް މަޝްހޫރު ޕްރިޔަންކާ ޗޯޕްރާ އޭނާގެ ކޮއްކޮ ސިދާތު ޗޯޕްރާގެ ކައިވެނި ހަފުލާ ތަކުގައި ލައިގެން ހުރި ހެދުންތަކަށް ގިނަ ބައެއްގެސަމާލުކަން ވަނީ ލިބިފައެވެ. މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އެ ހަފުލާގައި އޭނާ އަޅައިގެން ހުރި އެމެރަލްޑް ހާރަށެވެ.
ސިދާތުގެ ކައިވެނި ހަފުލާގައި ޕްރިޔަންކާ ލައިގެން ހުރީ މަނީޝް މަލޯތުރާގެ ހާއްސަ ލެހެންގާއެކެވެ. އެއް ކޮނޑު ހާމަވާގޮތަށް ފަރުމާކޮށްފައިވާ ޗޯލީގައި ސްވީޓްހާޓް ނެކްލައިނެއް ހުއްޓެވެ. މުޅި ހެދުމުގައި ސްވަރޮވްސްކީ ކްރިސްޓަލްތަކުން އެމްބްރޮއިޑަރީ ކޮށްފައިވެއެވެ. ނޫކުލައިގެ ޓޯނުތަކުން ހަދާފައިވާ ލެހެންގާ އޭނާއާ ވަރަށް ރަނގަޅަށް ގުޅެއެވެ. މި ހެދުމާއެކު އޭނާ ބޭނުންކޮށްފައި ވަނީ ނެޓްފޮތިން ހަދާފައިވާ ދޯޕައްޓާއެކެވެ. އަދި މަޑު މޭކަޕެއް ކޮށް، އިސްތަށިގަނޑު ބަނދެފައިވާ ހެއަރ ސްޓައިލެއް ބޭނުންކޮށްފައިވެއެވެ.
މި އެކްޓްރެސް މި ހަފުލާގައި އަޅައިގެން ހުރީ ވަރަށް ރީތި ހާރެކެވެ. ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި 'ދަ އެމެރަލްޑް ވީނަސް' ނަމުން ނަން ދީފައިވާ މި ހާރުގައި ހިމެނެނީ ޑައިމަންޑުން ހަދާފައިވާ ނާޒުކު ގަހުގެ ފަތެކެވެ. މި ފަތުގައި ޖުމުލަ 71.24 ކެރެޓް ހުރެއެވެ. އަދި މީގެ އިތުރުން 62 އެމެރަލްޑް މުތްތައް ހިމެނެއެވެ. މި މުތްތަކުގެ ޖުމުލަ ބަރުދަނަކީ 130.77 ކެރެޓެވެ.
ބުލްގާރީގެ މާހިރުން ތައްޔާރުކޮށްފައިވާ މި ހާރު ހެދުމަށް 1,600 ގަޑިއިރު ނުވަތަ 66 ދުވަސް ހޭދަވެފައިވެއެވެ. މި ހާރުގެ ޑިޒައިން އިންސްޕިރޭޝަން ލިބިފައިވަނީ މެޑިޓެރޭނިއަން ސަރަހައްދުގެ ކަޕެލްވެނެރެ ގަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިދާތުގެ ސަންގީތު ހަފުލާއަށް ޕްރިޔަންކާ ލައިގެން ހުރީ ފަލްގްނީ ޝޭން ޕީކޮކްއިން ހާއްސަކޮށް ފަރުމާކޮށްފައިވާ ލެހެންގާއެކެވެ. މި ލެހެންގާގައި ސްވަރޮވްސްކީ ކްރިސްޓަލްތަކާއި، މުތްތަކާއި، އަދި ސެކުއިންތަކުން ޒީނަތްތެރިކޮށްފައި ވެއެވެ. މި ހެދުމާއެކު އޭނާ އަޅާފައި ހުރީ ޑައިމަންޑް ޗޯކަރެއް، އެއާ ގުޅޭ ކަންފަތު ގަހަނާ، އަދި ބްރޭސްލެޓެކެވެ. އޭނާގެ މަޑު މޭކަޕް އަދި ދޫކޮށްލާފައިވާ އިސްތަށިގަނޑުން އޭނާގެ ލުކް ފުރިހަމަވެގެން ދެއެވެ.