އަމީތާބް ބަޗަން އާއެކު ފިލްމު ބަދްލާގައި މޮޅު ކުޅުމެއް ދައްކާފައިވާ ތާޕްސީ ޕަންނުގެ ބިރުވެރި ފިލްމު ގޭމް އޯވާގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.
އަޝްވިން ސަރަވަނަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރީ އިއްޔެގައެވެ.
ދެ މިނިޓްގެ ފިލްމުގެ ޓްރެއިލާއިން އެކަނިވެސް ގައިން ހީބިހި ނަގުވާލައެވެ. އަދި ފިލްމުގެ ބިރުވެރިކަން އިހްސާސްކޮށްދެއެވެ.
ފިލްމުގައި ތާޕްސީ ކުޅެނީ ވީޑިއޯ ގޭމް ކުޅެން ދެވިހިފައިފާ ހުންނަ މީހެއްގެ ރޯލެވެ. އަދި އޭނާއަކީ އަނދިރިކަން ދެކެ ބިރުގަނެ އެންސައިޓީ ހުންނަ މީހެކެވެ. ފިލްމު ބިރުވެރި ކޮށްލަނީ ނޭނގޭ މީހެއްގެ ފަރާތުން ތާޕްސީއަށް ގޯނާތައް އަންނަން ފެށުމުންނެވެ. ޓްރެއިލާގައި ތާފްސީ ވީލް ޗެއާގައި ހުންނަތަންވެސް ފެނިގެން ދެއެވެ.
ގޭމް އޯވާ އަކީ ޓެމިލް ޓެލްގޫ ބައިލެންގުއަލް ފިލްމެއްގެ ރީމޭކެކެވެ. ފިލްމު ރިލީސް ކުރަނީ ޖޫން 14 ގައެވެ. ހިންދީ، ޓެމިލް އަދި ޓެލްގޫ ބަހުންވެސް ފިލްމު ރިލީސްކުރާނެކަމަށް ވެއެވެ.
ގޭމް އޯވާގެ އިތުރުން ތާޕްސީ ވަނީ "ސާންދް ކީ އާންކް' ގެ ޝޫޓިންވެސް ނިންމާލާފައެވެ. މީގެ އިތުރުން މިއަހަރު ފަހުކޮޅު "މިޝަން މަންގަލް" ގެ މަސައްކަތް ތާޕްސީ ފަށާނެއެވެ.