ގޯލްޑަން ފުޓްސަލް ޗެލެންޖް

ކުޑަހުވަދޫއާއި ދަރަނބޫދޫންވެސް ޒޯން ފައިނަލާއެކު ގަދަ 16 ޔަގީންކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ފަހެއްގެ ލީގު ބުރުގެ ފަހު މެޗުތަކުގެ ނަތީޖާއާއެކު، ފ. ދަރަނބޫދޫއާއި ދ. ކުޑަހުވަދޫއަށް ޒޯން ފައިނަލް ޔަގީންވެއްޖެއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި، އެ ޒޯނުގެ ދެމެޗެއް ރޭ ކުރިއަށް ދިޔަ އިރު، ކުޑަހުވަދޫން ދަރަނބޫދުއާ ދެކޮޅަށް ކުޅުނު މެޗު، ކުޑަހުވަދޫން ކާމިޔާބުކުރީ 6-2 އިންނެވެ.

ރޭގެ މެޗުތަކަށް ނުކުތް އިރު، ދަރަނބޫދޫއާއި ކުޑަހުވަދޫގެ އިތުުރުން މުލަކަށްވެސް ފައިނަލުގެ ފުރުސަތު އޮތެވެ. އެއީ އަމިއްލަ ބާރާވެސް އެކުގައެވެ. އެޓީމަށް ދިއްގަރު ބަލިކޮށް ފައިނަލަށް ދެވެން އޮއްވާ، ކަޓާފައި އޮތް ދިއްގަރު އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ކުޑަހުވަދޫއަށް ރޭ ގޯލުތައް ޖަހައިދިނީ މިހާތަނަށް ޒޯން ބުރުގައި ހަތަރު ގޯލު ޖަހާފައިވާ ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހާރޫން އިބްރާހީމް (ހާއްޑޯ)ގެ އިތުރުން ހުސައިން އައިހަމް އާއި ހުސައިން އިފްހާމެވެ. ދަރަނބޫދޫގެ ގޯލުތައް ޖެހީ މުއައްލިމް އުމައިރާއި ސާޖިދު އަހުމަދު އިބްރާހީމެވެ.

ދިއްގަރުން މުލައް ކޮޅަށް ޖެހި ގޯލުތައް ޖެހީ ނޫހު މަސްއޫދާއި އަހުމަދު މިދުހަތު މަހުމޫދެވެ. މުލަކުގެ ގޯލު ސުޖުއާން ހުސައިން ޖެހި އިރު، މެޗުގެ ފަހުކޮޅުގައި ދިއްގަރުގެ ނޫހް މަސްއޫދަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ޒޯން ފަހަކުން އެއްވަނައިގައި ފައިނަލަށް ދިޔަ ކުޑަހުވަދޫއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނު އިރު، ދަރަނބޫދޫން ދެވަނަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދިއްގަރު ތިންވަނައިގައި މުލަކަށްވުރެ މަތީގައި ނިންމާލީ ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ. މުލަކަށް ލިބުނީ ތިން މެޗުން ދެ ޕޮއިންޓެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: އއ. މަތިވެރި - އދ. މަހިބަދޫ (ޒޯން 4)
ގްރައުންޑް 2: އދ. މަންދޫ - އއ. ތޮއްޑޫ (ޒޯން 4)

21:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ (ޒޯން 1)
ގްރައުންޑް 2: ހއ. ދިއްދޫ - ހއ. ވަށަފަރު (ޒޯން 1)

22:00
ގްރައުންޑް 1: ށ. ކަނޑިތީމު - ށ. މިލަންދޫ (ޒޯން 2)
ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. ދުވާފަރު (ޒޯން 2)